ހުޅުދުއްފާރުގައި ހިނގި މާރާމާރީގައި އަނިޔާވި ކުއްޖާ މާލެ ގެންނަނީ

ރ. ހުޅުދުއްފާރުގައި އިއްޔެ ދަރިވަރުންތަކެއް ހިންގި މާރާމާރީގައި ޒަހަމްވި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.


އެ ރަށު ސްކޫލުގެ ގްރޭޑް ހަތެއްގައި ކިޔަވާ ތިން ކުއްޖެއްގެ މެދުގައި މި މާރާމާރީ ހިންގާފައި ވަނީ ކިޔެވުން ނިމިގެން ސްކޫލުން ބޭރަށް ނިކުތް ވަގުތު އެވެ. މި މާރާމާރީގައި 12 އަހަރުގެ ފިރިހެން ކުއްޖެއްގެ ލޯ ކައިރިން ދެ ތަނެއް ފަޅައިގެން ގޮސްފައިވެ އެވެ.

ހުޅުދުއްފާރު ކައުންސިލްގެ ނައިބު ރައީސް އަލީ ޖާވިދު މިއަދު ވިދާޅުވީ އަނިޔާވި ކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު، ޒަހަމްވި ލޮލަށް ސާފުކޮށް ނުފެންނަ ކަމަށާއި ނޭފަތުން ވެސް ލޭ އައި ކަމަށެވެ.

ސިއްހީ މަރުކަޒުގައި އިރުކޮޅަކު ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ ވަނީ އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެކަމަކު އަދިވެސް ނޭފަތުން ލޭ އަންނާތީ އިތުރު ޓެސްޓުތައް ހެދުމަށް މާލެ ގެންދިޔުމަށް ނިންމީ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"އެކަމަކު އޭނާގެ ހާލު މާ ގޯހެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސްކޫލު ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ކުރި ޒުވާބެއްގެ ތެރޭގައި ހިންގި މި މާރާމާރީ ތަހުގީގު ކުރުމަށް އެ ރަށަށް މިއަދު ފުލުހުންގެ ޓީމެއް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ޖާވިދު ވިދާޅުވީ އެއް ފަހަރު ޖެހިތަނާ އެ ކުއްޖާއަށް އަނިޔާވީ ކަމަށާއި މާގިނައިރު ވަންދެން މާރާމާރީ ނުހިންގާ ކަމަށެވެ. މާރާމާރީގައި ބައިވެރިވި ކުދިންނާ މެދު ސްކޫލުން ފިޔަވަޅެއް އެޅިކަން އެނގިވަޑައިނުގަންނަވާ ކަމަށް ޖާވިދު ވިދާޅުވި އެވެ.