ދެ ކުދިންނާ ބެހުނު މީހާގެ ބަންދަށް 12 ދުވަސް ޖަހައިފި

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނާ ބެހުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ތަހުގީގަށް 12 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ހުޅުމާލޭ ކޯޓުން މިއަދު ނިންމައިފި އެވެ.


ހަ އަހަރާއި އަށް އަހަރުގެ ކުޑަ ދެކުދިންނާ ގަދަކަމުން ބެހިގެން، ރޭ ދަންވަރު ހައްޔަރުކުރީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިިދިޔަ ހުކުރު ދުވަހުގެ ރޭ 1:00 ހާއިރެވެ.

ފުލުހުން އެމީހާ ހައްޔަރުކޮށްފައިވަނީ، ހުޅުމާލޭގައި ގަންހިންގަނިކޮށެވެ.

ގަންހިންގުވުމަށް ފަހު ބަޔަކު ވަނީ ކުޑަ ދެ ކުދިންނާ ދޭތެރޭ އޭނާ ކަންތައްކުރި ގޮތް އަމިއްލަ އަށް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ވީޑިއޯގައި ބުނެފައިވާ ގޮތުގައި އެ ދެ ކުދިންނާ ހަތަރު ދުވަހެއްގައި ބެހިފައި ވެ އެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ އަތުގައި ނިޔަފަތި އެޅިފައި ހުރި ކަމަށާއި އަދި ކަންނޭލަކުން އެއްފަހަރު ޖަހާފައިވާ ކަމަށް ބުންޏެވެ.