ޖޭއެސްސީގެ މެމްބަރަކަށް ނަޝީދު އައްޔަން ކުރައްވައިފި

ނަވާރަވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އިންތިޚާބު ކުރުމާ އެކު، އެ މަގާމުގެ ހައިސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެމަނިކުފާނު އައްޔަން ކުރައްވައިފި އެވެ.


ޖޭއެސްސީގެ މެމްބަރުކަމުގެ މަގާމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނަޝީދަށް އެރުވީ، 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް 67 ވޯޓާ އެކު ނަޝީދު އައްޔަން އިންތިޚާބު ކުރުމަށް ފަހު، ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގަ އެވެ.

މި ރަސްމިއްޔާތުގައި، ނަޝީދަށް މަގާމުގެ ހުވާލައި ދެއްވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ޖޭއެސްސީގައި 10 މެމްބަރަކު ހިމެނޭއިރު، މަގާމުގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ތިއްބަވަނީ ތިން ބޭފުޅެކެވެ.

އެއީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދުގެ އިތުރުން ބަންޑާރަ ނައިބު (އިބްރާހިމް ރިފްއަތު) އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް (ޑރ. އަލީ ޝަމީމް) އެވެ. ދެން ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަބްދުﷲ އަރީފާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ މުހައްމަދު އީސާފުޅާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އިންތިޚާބު ކޮށްފައިވާ އަބްދުލް ރައޫފު އިބްރާހީމާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި އަބްދުލް ހަންނާން އަހުމަދާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރު (މިވަގުތު ނެތް) އާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މަސްތޫރު ހުސްނީ އަދި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބު ކޮށްފައިވާ ލަތީފާ ގާސިމެވެ.

ރޭ ބޭއްވި އާ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލިހުގެ ރައީސް ނަޝީދު ވިދާޅުވީ، މިއަދު ބާއްވާ ޖަލްސާގައި ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލިހުން ބޭފުޅަކު ކަނޑައެޅުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

މަޖިލިހުގެ އާ ރައީސަށް ސަރުކާރުގެ އެހީތެރިކަން ލިބޭނެ

ރޭ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ދަންވަރު އެކެއް ޖަހަން އުޅެނިކޮށް ނިމުމާ އެކު، މަޖިލިހުގެ އާ ރައީސް ނަޝީދު ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފަ އެވެ. މިއީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދުވަސްވަރަށް ފަހު، ނަޝީދު ރައީސް އޮފީހަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ވެސް މެ އެ އެވެ.

އެ ބައްދަލުވުމުގައި، ރައީސް ވަނީ މަޖިލިހުގެ ރައީސަކަށް ނަޝީދު އިންތިޚާބުވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މިހާރުގެ ރައްޔިތުންގެ މަޖިލިހަކީ، ވަރަށް ގިނަ ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި، މަޖިލިހުގެ މަސައްކަތްތައް ވީހާ ވެސް ހަލުވިކަމާއި އޮމާންކަމާއި އިންސާފުވެރިކަމާ އެކު، މަޖިލިހުގެ އާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ. އެހެންވެ، މަޖިލިހުގެ ރައީސްގެ މަސައްކަތްޕުޅަށް ސަރުކާރުން ވެދެވެން އޮތް އެއްބާރުލުމެއް ވީ އެންމެ ފުރިހަމައަކަށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ނަޝީދު އިންތިޚާބު ކުރުމާ ގުޅިގެން، އެމަނިކުފާނައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދަންވަރު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މަޖިލިހުގެ އާ ރައީސް ނަޝީދު ވަނީ މަޖިލިހުގެ މެންބަރުންގެ މަޝްވަރާ އާއި އެހީތެރިކަމާ އެކު، ވީހާ ވެސް އިންސާފުވެރިކޮށް، މަޖިލިހުގެ މަސައްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި، ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދެއްވާނެ ކަމަށް ވެސް މަޖިލިހުގެ ރައީސް ނަޝީދު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އާ މަޖިލިހުގައި 65 މެމްބަރުންނާ އެކު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާއިރު، އެ މަޖިލިހުގެ ނައިބު ރައީސަކަށް ރޭ އިންތިޚާބުކުރީ ނަޝީދަށް ބޮޑުބޭބޭފުޅު ވިދާޅުވާ އީވާ އަބްދުﷲ އެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެ މަގާމަށް އިންތިޚާބުކުރީ 76 ވޯޓުންނެވެ.