މަޖިލިހުގައި މޯދީ އަށް ތަގްރީރު ކުރެއްވުމުގެ ދައުވަތު ދޭން ފާސްކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުގައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރައްވަން ދައުވަތު އަރުވަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


އިންޑިއާގެ އާންމު އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި މޯދީ އަށް މަޖިލިހުގައި ތަގްރީރު ކުރެއްވުމުގެ ފުރުސަތު ދޭން މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެމްބަރުންގެ އިއްތިފާގުންނެވެ. މޯދީ ރާއްޖެ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 އިން 8 އަށެވެ.

މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެދި މަޖިލިހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް ސޯލިހެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރު ކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެންނެވެ.

ބޮޑުވަޒީރު ކަމުގެ މަގާމު ދެ ވަނަ ދައުރަކަށް ހޮވި ވަޑައިގެންނެވި މޯދީ މަޖިލިހުގައި ތަގްރީރު ކުރެއްވުމާ މެދު މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކާ ބެހޭ ގުޅޭ ގޮތުން ބަހުސް ކުރަން ހުޅުވައިލި ފުރުސަތުގައި މެމްބަރުން ވަނީ އެކަމަށް ތާއީދު ކުރައްވައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އެކަމަކު، އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ވަކި ގައުމަކާ ގުޅުން ބަދަހިކުރަން ކުރާ މަސައްކަތުގައި އެހެން ގައުމަކާ އޮންނަ ގުޅުން ހީނަރު ވިޔަދީގެން ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މޯދީ ރާއްޖެ ވަޑައިގެން މަޖިލިހުގައި ތަގްރީރް ކުރެއްވުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ވަމުން އަންނަ ކަމުގެ ވަރަށް ބޮޑު މިސާލެއް ކަމަށެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން، މަޖިލިހުގައި ތަގްރީރު ކުރެއްވުމުގެ ފުރުސަތު ލިބުމަކީ ރާއްޖެއަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި އެކަން ހަމަޖެހިގެން ދަނީ ސަރުކާރަށް އޮތް ތާއީދުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނު (މޯދީ) މަޖިލިހަށް ވަޑައިގެން ވާހަކަ ދެއްކެވުމަކީ އަޅުގަނޑުމެންގެ މަޖިލިހަށް ލިބިގެންދާ އިތުރު ހިތްވަރެއް ކަމުގައި އަޅުގަނޑު ދެކެނީ،" އަސްލަމް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މޯދީ މަޖިލިހުގައި ތަގްރީރު ކުރެއްވުމަކީ މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހާއްސަ ގޮތެއްގައި އިންޑިއާ އާއި ރާއްޖެއަކީ ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައި އޮންނަ ދެ ގައުމަށް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މި ދަނޑިވަޅަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާ ދެމެދު ޝައްކުތަކެއް ބަޔަކު އުފައްދަމުން އަންނަ ދަނޑިވަޅަކަށްވާތީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ކަށަވަރު ކުރުމަށާއި ބޭރުގެ ބައެއްގެ ނުފޫޒުގެ ދަށަށް ނުދާނެ ގޮތަށް މަޖިލިހުގައި މަސައްކަތް ކުރަން ޖެހެ އެވެ.

އަމިއްލަ ގޮތުން މަޖިލިހަށް ހޮވިވަޑައިގެންނެވި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ އަމާންކަމަށް ވަރަށް މުހިންމު މަންޒިލެއް ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތީ "ސެކިއުރިޓީ" ގޮތުން ވަރުގަދަ ގުޅުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރައްކާތެރިކަން ފޯރުކޮށްދެވެން އޮތް ހަމައެކަނި ގައުމަކީ އިންޑިއާ ކަމުގައިވާތީ، އިންޑިއާ އާއި އަޅުގަނޑުމެންނާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދިއުމަކީ މި ގައުމަށް ލިބޭނެ ރައްކާތެރިކަމެއް ކަން ކަށަވަރު،" ސައުދު ވިދާޅުވި އެވެ.

މޯދީ އަލަށް ރާއްޖެ އަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، ނޮވެމްބަރު 2018 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް މި ސަރުކާރާ އެކު ގުޅުން ބަދަހިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ވެސް ވަޑައިގަތީ އިންޑިއާއަށެވެ.