ފަސް ބިމެއްގެ ކުލީގެ ގޮތުގައި އެޗްޑީސީ އަށް 39 މިލިއަން ރުފިޔާ ނުލިބޭ!

ހުޅުމާލޭގެ ސިނާއީ ސަރަހައްދުން އަމިއްލަ ފަރާތަކަށް ދޫކުރި ފަސް ބިމެއްގެ ކުލީގެ ގޮތުގައި 39 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިފައި ނުވާތީ އެ ފައިސާ ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް މިއަދު އަންގައިފި އެވެ.


އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ އަމިއްލަ ފަރާތަކުން ހުޅުމާލެ ސިނާއީ ސަރަހައްދުން 75،000 އަކަފޫޓުގެ ފަސް ބިމެއް ކުއްޔަށް ނެގި ދުވަހުން ފެށިގެން މިހާތަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށެވެ. އަދި އެ ބިންތައް އެހެން ފަރާތަކާ އެކު އެގްރީމަންޓް ހަދައި، ދިން މައްސަލައެއް ކޮމިޝަނަށް ލިބިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެ ބިމުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރުގެ މޭ 2 ގެ ނިޔަލަށް 39 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެޗްޑީސީ އަށް ދައްކަން ޖެހޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެ އެވެ. މި ފައިސާ ހޯދުމުގެ މަސައްކަތް ކޯޓު މެދުވެރިކޮށް ކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އަދި އެ ފައިސާ ހޯދުމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް އެޓާނީ ޖެނެރަލް ވަނީ ފިނޭންސް މިނިސްޓްރީ އަށް އަންގާފައި ކަމަށް ވެސް އޭސީސީން ބުންޏެވެ.

މީގެ އިތުރުން، އެޗްޑީސީގެ މޯގޭޖް ޕޮލިސީ ނުވަތަ އެޗްޑީސީގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގޯއްޗާއި އިމާރާތާއި ނުއުފުލޭ މުދާ ރަހުނު ކުރުމަށް ހުއްދަ ދިނުމުގައި (ނޯ އޮބްޖެކްޝަން ދިނުމުގައި) އަމަލު ކުރާނެ ގޮތަކާއި އުސޫލު އިސްލާހު ކުރުމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ބިންތަކަށް ކުއްޔަށް ދިނުމާއި މޯގޭޖް ކުރުމަށް އެޗްޑީސީގެ ހައްގުތައް ރައްކާތެރި ކުރެވޭނެ ގޮތަކަށް އެއްބަސްވުން އެކުލަވައިލުމަށް އޭސީސީން ވަނީ އެޗްޑީސީ އަށް އަންގައިފަ އެވެ.