ސިނގިރޭޓު ބުއިން ހުއްޓާލާ މީހުންނަށް ބައިސްކަލެއް ދޭ ޕްރޮގްރާމެއް ފަށައިފި

ސިނގިރޭޓު ބުއިން ހުއްޓާލާ މީހުންނަށް ބައިސްކަލެއް ދޭ ޕްރޮގްރާމެއް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބައިކް މޯލްޑިވްސް އަދި ސިސޭޝަން ކްލިނިކްތަކުން ގުޅިގެން މިއަދު ފަށައިފި އެވެ.


ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން ފެށި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

މި ޕްރޮގްރާމުގެ ދަށުން ދޭ ފުރަތަމަ ބައިސްކަލް ހަވާލުކުރީ ސިނގިރޭޓް ބުއިން ހުއްޓާލާފައިވާ އަހްމަދު ރަޝީދަށް ބޮޑުބޭބެ ކިޔާ 12 އަހަރުގެ އަހުމަދު ފަޒީލަށެވެ. އަހްމަދު ރަޝީދު ސިނގިރޭޓް ބުއިން ހުއްޓާލިތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ.

ސިނގިރޭޓް ބުއިމުން އެ މީހަކާއި ވަށައިގެން އުޅޭ މީހުންނަށް ގެއްލުންވުމުގެ އިތުރުން ތިމާވެއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިހާ ގެއްލުން ހުރި ކަމަކުން ދުރަށް ދިއުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކުއިޓް. ރައިޑް. ލިވް ހެލްތީ" ގެ ނަމުގައި ފެށި މި ޕްރޮގްރާމުގެ ދަށުން ބައިސްކަލެއް ލިބޭނީ ސިނގިރޭޓް ބުއިން ހުއްޓާލަން އެހީތެރިވާ ސިސޭޝަން ކްލިނިކްތަކުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. ސިނގިރޭޓް ބުއިން ހުއްޓާލާތާ ތިން މަސް ފަހުން އެ މީހެއްގެ ތިމާގެ ކުއްޖަކަށް ބައިސްކަލެއް ހަވާލުކުރާނެ އެވެ. ނަމަވެސް އެ ބައިސްކަލެއް މިލްކް ވާނީ އެ މީހަކު ސިނގިރޭޓް ބުއިން ހުއްޓާލާތާ އަހަރެއް ވުމުންނެވެ.

ކެންސާ ސޮސައިޓީގެ ޕްރޮގްރާމް ޑިރެކްޓާ އިބްރާހިމް ހާއިލް "މިހާރު" އަށް ވިދާޅުވީ ސިސޭޝަން ކްލިނިކް މެދުވެރިކޮށް ކާމިޔާބުކަމާ އެކީ ސިނގިރޭޓް ބުއިން ހުއްޓާލާ ކޮންމެ މީހެއްގެ ތިމާގެ ކުއްޖަކަށް ބައިސްކަލެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެތަނުން މި ޕްރޮގްރާމް ކުރިއަށް ގެންދަން ވިސްނާ ކަމަށް ވެސް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި ހުންނަ ކްލިނިކް ހެނދުނު 9:00 މެންދުރު 3:00 އަށް ހުޅުވާފައި ހުންނަ އިރު، ދަމަނަވެށިން މި ހިދުމަތްތައް ލިބޭނީ ހެނދުނު 8:00 އިން މެންދުރު 1:30 އާ ހަމައަށެވެ. އޭޑީކޭގައި ހުންނަ ސިސޭޝަން ކްލިނިކްގެ ހިދުމަތް ލިބޭނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 އާ ހަމަައަށެވެ.