މައްސަލަތައް އަނބުރާ ފޮނުވާލީ މިހާރު އެ ދައުވާތައް ހުރިގޮތަށް ކުރިއަށް ގެންދިއުން ސައްހަ ނުވާނެތީ: ކޯޓް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ދައުވާކުރާ މައްސަލަތައް އަނބުރާ ފޮނުވާލީ މިހާރު އެ ދައުވާތައް އުފުލާފައި ހުރި ގޮތަށް ކަންކަން ކުރިއަށް ގެންދިއުން ގާނޫނީ ގޮތުން ސައްހަ ނުވާނެތީ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފި އެވެ.


ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގާފައި ވަނިކޮށް، ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައި، އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަނބުރާ ފޮނުވާލަން ފާސްކޮށްފަ އެވެ. އެގޮތުން، އަދީބާ ގުޅޭ 15 މައްސަލައެއް އަނބުރާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާލަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.

އެ މައްސަލަތަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ވަނީ ލޯންޗްކޮޅު މައްސަލަ އަލުން ބަލަން ހައި ކޯޓުން ކުރި ހުކުމް ބިނާކޮށްފައި އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ކަމަށެވެ. އެެގޮތުން، އެ އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިޔަސް، ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމްތަކުގެ ވާހަކަ އޮތް ބައި ބާތިލް ކޮށްފައި ނެތުމުން އެކަމުގެ މައްޗަށް ބިނާކޮށް ކަން ހައި ކޯޓުގެ ހުކުމުން އެނގޭ ކަމަށް އެ ގަރާރުގައިވެ އެވެ.

ހައި ކޯޓުގެ އެ ހުކުމުގެ އިބާރާތުގައި، ސިޔާސީ އެކި ސަބަބުތަކަށްޓަކައި ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކުގެ ވާހަކަ ވެސް ބަޔާން ކޮށްފައި އެބައޮތް ކަމަށާއި އެހެންވެ، ލޯންޗް މައްސަލާގައި ހިންގި ތަހުގީގަކީ ގާނޫނު އަސާސީ އާއި ބޭރުގެ މުއާހަދާތަކާ ޚިލާފަށް ހިންގާފައިވާ ތަހުގީގެއް ކަމަށް ބެލެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ. އެހެންވެ، ބާތިލް ތަހުގީގުގެ މައްޗަށް ބިނާކޮށް، އަލުން އެ މައްސަލަ ބެލުން ގާނޫނީ ގޮތުން ސައްހަ ނުވާނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

"ގަޒިއްޔާ ކުރިއަށް ގެންދިއުމަކީ ބާތިލް ތަހުގީގެއްގެ މައްޗަށް ހިންގޭ އޭގެ ނަތީޖާ އާއި މަޞީރު ފެށުމުގައި ވެސް ބާތިލް ޝަރީއަތަށް ވެގެންދާނެ ކަމެއް ކަމަށްވާތީ، އެ ގަޒިއްޔާ މިހާރު އޮތްގޮތުގެ މަތިން އިތުރަށް ބަލައި ކުރިއަށް ގެންދިއުން ގާނޫނީ ގޮތުން ސައްހަ ނުވާނެތީ.." އެ ނިންމުމުގައިވެ އެވެ.

އެ ނިންމުމުގައިވާ ގޮތުން ލޯންޗް މައްސަލާގެ އިތުރުން އެ މައްސަލާގައި އަދީބު ބަންދު ކުރެވިފައި ވަނިކޮށް އެހެން މައްސަލަތަކާ ގުޅިގެން ހިންގާފައިވާ ތަހުގީގުތަކާ ގުޅިގެން ވަކިވަކިން އުފުލާފައިވާ ދައުވާތަކުގެ މައްޗަށް ވެސް ހިންގަން ޖެހެނީ އެ އުސޫލެވެ.

އެހެންވެ، އެ މައްސަލަތަކުގައި ސައްހަ އިޖްރާއާތުތަކުގެ ތެރެއިން ތަހުގީގު ކުރުމެއް ނެތި އެ މައްސަލަތައް އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ގޮތުން ސައްހަ ނުވާނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތަށް ގަބޫލު ކުރެވޭތީ އެ މައްސަލަތައް އަނބުރާ ފޮނުވާލަން ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

އަދީބުގެ މައްސަލަތައް ކްރިމިނަލް ކޯޓުން ފޮނުވާލިއިރު، ދައުލަތުން ވަނީ ޚިޔާނާތުގެ ކުށުގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފަ އެވެ.