ފަނޑިޔާރު އަބްދުﷲ ދީދީ އަށް ކުރަނީ އެއް މިލިއަން ޑޮލަރުގެ ތުހުމަތު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ ފަނޑިޔާރާ ގުޅުން އޮންނަ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި މައްސައެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.


އެނގިފައިވާގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރަނީ ލިބުނު ގޮތެއް ނޭނގޭ އެއް މިލިއަން ޑޮލަރު އޭނާގެ އަނބިކަނބަލުންގެ އެކައުންޓަށް ޖަމާކުރި މައްސަލައެކެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ ފަނޑިޔާރުގެ އަނބިކަނބަލުންގެ ނަމުގައި މެލޭޝިއާގެ ބެންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށްވެ އެވެ.

އެ ފައިސާ ޖަމާކޮށްފައިވަނީ، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަސްވަރުގަ އެވެ. އެއީ 2015 ވަނަ އަހަރުގެ މާޗުގަ އެވެ.

ނަޝީދަށް ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ދީދީ ހިމެނުނެވެ. އޭރު އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގަ އެވެ.

މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުއްވިކަން ހާމަކުރެއްވި ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް ނުދެ އެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ޖޭއެސްސީގައި އިންނަވާއިރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނަވާނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންނެވެ.