މައުމޫން ހުންނެވީ އެކުގައި، އިންތިގާލީ ސަރުކާރުގައި ހިމެނިވަޑައިގަންނަވާނެ: ނަޝީދު

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށް، ދެން އުފައްދާ އިންތިގާލީ ސަރުކާރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.


ރާއްޖެއާ ގުޅޭ މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއަން އެކްސްޕްރެސް ނޫހަށް ވިދާޅުވި ގޮތުގައި މައުމޫން ވެސް މިހާރު ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު އެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަން ވެސް ކުރައްވާ މައުމޫން އެ ގޮތަށް ހުންނަވަނިކޮށް އެ މަނިކުފާނަށް ފުރަގަސް ދިނުމަކީ، ނަޝީދު ސިފަކުރެއްވި ގޮތުގައި، އެޅޭނެ "ޅައެއްޗެކެވެ".

"އުފާ ފާގަތި ދިރިއުޅުމަކާއި ތަރައްގީ އަށް އޮތް އެންމެ ރަނގަޅު މަގަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ޑިމޮކްރެސީ. އެކަމަށް އަބަދު ވެސް ވަކާލާތުކުރަމުން މި އަންނަނީ. މައުމޫން ވެސް އެ މަގުގައި ހުންނެވީ...،" ލަންކާގައި ހުންނަވައިގެން ނަޝީދު ދެއްވި ހަމައެކަނި އިންޓަވިއުގައި ވިދާޅުވި އެވެ.

އެކަމަކު ނަޝީދުގެ އެ ވާހަކަފުޅާ ބެހޭ ގޮތުން މައުމޫންގެ ފަރާތްޕުޅުން އަދި ވަކި އެއްޗެއް މީޑިއާއަކަށް ހާމައެއް ނުކުރެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި 2018 ގެ އިންތިހާބު ބޭއްވުމަށް އިންތިގާލީ ސަރުކާރެއް ގާއިމުކުރަން ޖެހެ އެވެ. އެ ސަރުކާރުގައި އިދިކޮޅު އިއްތިހާދުގެ އިތުރުން، މައުމޫނާއި އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތައް ވެސް ހިމެނޭނެކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އެކަމަކު، ސަރުކާރު ވައްޓާލަން ރާވާފައިވާ ގޮތުގެ ތަފްސީލު ދެއްވަން ނަޝީދު ދެކޮޅު ހެއްދެވި އެވެ. އެ މަނިކުފާނު ވިދާޅުވީ ސަރުކާރު ބަދަލުކުރާނެ ގޮތުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ. ނަަމަވެސް، މި ވަގުތު ސިންގަޕޫރުގައި ހުންނެވި މައުމޫން އެ މަޝްވަރާތަކުގައި ސީދާ ބައިވެރިވެވަޑައިގަންނަވާ ކަމެއް ނޭނގެ އެވެ.

އިދިކޮޅު ފަރާތްތަކާ އެކު މައުމޫން ހުންނެވި ކަމަށް އިދިކޮޅު އިއްތިހާދުގައި އިސް ދައުރެއް އަދާކުރައްވާ ނަޝީދު ވިދާޅުވިއިރު، ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިފަ އެވެ. އެ ގޮތުން، ރައީސް ޔާމީނާއި އެ މަނިކުފާނުގެ ބޭބޭފުޅު، މައުމޫނާ ދެމެދު ވަނީ ވަރަށް ބޮޑު ކޯޅުންގަނޑެއް އުފެދިފަ އެވެ. އެ ކޯޅުމާ އެކު، ޕީޕީއެމްގެ ތެރޭގައި ދެ ބޭފުޅުންގެ ފެކްޝަން އުފެދި، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސަރުކާރަށް ފާޑުކިޔާ ބޭރުގެ މީޑިއާތަކުގައި ވަނީ ގިނަ ލިއުންތަކެއް ޝާއިއުކުރަން ފަށާފަ އެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން މާދަމާ ދައްކާ ތަހުގީގީ ޑޮކިއުމެންޓްރީ އެވެ.