3 ކިލޯ ޑްރަގްގެ މައްސަލަ ޖެހޭނީ އިސްތިއުނާފު ކުރަން: ކްރިމިނަލް ކޯޓު

ހުޅުމާލޭގެ ގެއެއްގެ ތެރެއިން ފުލުހުން ހޯދި ތިން ކިލޯ ޑްރަގްގެ މައްސަލަ ދެން ކުރިއަށް ގެންދެވޭނީ އިސްތިއުނާފުކޮށްގެން ކަމަށް ބުނެ ކްރިމިނަލް ކޯޓުން ފުލުހުންނަށް ރައްދު ދީފި އެވެ.


އިއްޔެ ރޭ ހައްޔަރުކުރި 25 އަހަރުގެ ފިރިހެން މީހާ އާއި 52 އަހަރުގެ އަންހެން މީހާ އިއްޔެ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ދޫކޮށްލީ، ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ދިން އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތަށް ގާޒީގެ ނަން ނެތުމުން އަމުރު ފުރިހަމަ ނުވާތީ އެވެ. އެހެންވެ ރޭގެ ވަގުތެއްގައި އަލުން މި ދެ މީހުން ހުޅުމާލޭ ކޯޓުގެ އަމުރަކަށް އަނެއްކާވެސް ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ކޯޓަށް މިއަދު ގެންދިއުމުން ވަނީ އިޖުރާއީ މައްސަލައެއް އުޅޭ ކަމަށް ބުނެ އެ ދެ މީހުން އަނެއްކާވެސް ދޫކޮށްލައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ ކޯޓުން އެ މައްސަލައިގައި ފާހަގަކުރި އިޖުރާއީ މައްސަލަ އަކީ ކުރިން އެއްގޮތަކަށް ވެސް ނުނަގާ މައްސަލައެއް ކަމަށެވެ. އެގޮތުން މައްސަލައެއް ކަމަށް ބެލީ، މައްސަލަ ތަހުގީގުކުރުމާ ހަވާލުވެފައިވާ ފުލުސް އޮފިސަރު ނޫން އެހެން މީހަކު ބަންދުގެ މުއްދަތަށް އެދުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ވާހަކަޔާ ގުޅިގެން ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނުގައި ބުނީ ދެ މީހުން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވީމާ އެމީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހައި ނުދިން މައްްސަލަ ޖެހޭނީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކޮށް އަނެއްކާ ވެސް ހައްޔަރު ކުރުމުގެ އަމުރު ހޯދަން ފުލުހުން އުޅުމުން ޖިނާއީ އަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާ ކަމަށް ވެސް ބުންޏެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތި ހޯދި، ބަލައި ފާސްކުރުމުގެ އަމުރު ވެސް އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށެވެ. އެހެންވެ އެ މީހުންނާ ދެކޮޅަށް ހެކި ހޯދާފައި ވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ބުންޏެވެ.

ހައްޔަރު ކުރުމަށާއި ބަލައި ފާސްކުރުމަށް ނެރުނު އަމުރުތަކަކީ ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކެއް ނޫން ކަމަށާއި އެ އަމުރުތައް ގާނޫނާ ހިލާފްކަން އެއީ ބަހުސެއް އޮތް ކަމެއް ނޫން ކަމަށް ކޯޓުން ބުންޏެވެ. ކޯޓުން ބުނި ގޮތުގައި އެހެންވެ އެ އަމުރުތަކަށް ބަލައި، ބަންދުގެ މުއްދަތު އިތުރުކުރުމަކީ ގާނޫނުއަސާސީއާ ހިލާފް އަމަލެކެވެ.

ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އުމުރުން 52 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ ގެއިން ފެނުނު މަސްތުވާތަކެއްޗަށް ޒިންމާ ނަގާފައި ނުވާތީ ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ކޯޓުން ބުންޏެވެ.

"ވަކީން ޚާއްސަކޮށް، މައްސަލައިގަައި ހައްޔަރު ކުރެވުނު ދެމީހުންގެ ތެރެއިން 52 އަހަރުގެ އަންހެންމީހާ އަކީ ތުހުމަތެއް ނެތި ހައްޔަރު ކުރެވުނު މީހެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނެފައި ވާއިރު، އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ ދަރިފުޅު، ހާދިސާއިން ފެނުނު މަސްތުވާތަކެއްޗަށް ޒިންމާ ނުވާތީ ކަމަށް ފުލުހުން ފާހަގަކޮށްފައި ވާއިރު މަޖުބޫރުކޮށްގެން ގާނޫނާ ހިލާފަށް ހެކި ހޯދުމަކީ ޤާނޫނު އަސާސީގެ 52 ވަނަ މާއްދާގެ ނައްސުން މަނާކުރެވިފައިވާ ކަމެކެވެ،" އަންހެން މީހާ އަކީ ނަފްސާނީ ބައްޔަށް ބޭސް ކާ މީހެއްކަން ފާހަގަކުރަމުން ބުނެފައިވެ އެވެ.

ކޯޓުން ބުނީ ދަށު ކޯޓުގެ އަމުރުގެ މައްސަލަ އުޅޭ ނަމަ ޖެހޭނީ އިސްތިއުނާފު ކުރަން ކަމަށާއި އެކަން ނުކޮށް ފުލުހުން އަނެއްކާވެސް ހުޅުމާލޭ ކޯޓުން އަމުރު ހޯދައިގެން އުޅެނީ ސުވާލު އުފެދޭ ގޮތަކަށް ކަމަށެވެ. އަދި ކަން ހިނގައިދިޔަ ގޮތް ފުލުހުން މީޑިއާ އަށް ދީފައިވަނީ ޝަރުއީ ނިޒާމުގެ ތަސައްވުރު ގެއްލޭ ގޮތަށް ކަމަށް ވެސް ބުންޏެވެ.