ޖަލްސާއިން ނުކުތީ މުސްލިމުންގެ ފަރާތުން މެސެޖެއް ދޭން: ތޯރިގު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރައްޔިތުންގެ މަޖިލީހުގައި މިރޭ ތަގުރީރު ކުރައްވަން ފެއްޓެވުމާ އެކު ޖަލްސާއިން ނުކުމެވަޑައިގަތީ ރާއްޖެއަކީ މުސްލިމް ގައުމަކަށް ވާތީ މުސްލިމުންގެ ފަރާތުން ކޮންމެވެސް އެކަކު އެންމެ ކުޑަމިނުން މެސެޖެއް ދޭން ޖެހޭ ކަަމަށް ގަބޫލުކުރައްވާތީ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.


މޯދީ ތަގުރީރު ކުރެއްވުމަށް ޓަކައި މަޖިލީހުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާ ފެށި އިރު މަޖިލީހުގެ ތަޅުމުގައި ތޯރިގު އިންނެވި އެވެ. އޭނާ ޖަލްސާ ދޫކުރައްވައި ވަޑައިގަތީ ތަގުރީރު ކުރައްވަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވުމާ އެކުގަ އެވެ.

"މޯދީ އިސްވެ ހުންނަވާ ބީޖޭޕީ އިންޑިއާގެ ވެރިކަމަށް އައި ފަހުން އެ ގައުމުގެ މުސްލިމުން މެރުމާއި އަނިޔާ ކުރުން ވަނީ އާއްމު ވެފައި. އެކަންތައް ހުއްޓުވަން އެ ސަރުކާރަކުން ނޫޅޭ. އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް. އެހެންވީމާ މުސްލިމުންނަށް ކުރާ އެ އަނިޔާއާ މެދު ނުރުހުން ފާޅުކުރުމުގެ މެސެޖް އެންމެ ކުޑަމިނުން ކޮންމެވެސް އެކަކު ޖެހޭ ފޯރުކޮށްދޭން. އެއީ އަޅުގަނޑު މިކުރި ކަމަކީ،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ ފަދަ ބޮޑު ގައުމަކާ މައްސަލަ ޖެހިގެން އުޅުމަކީ ރާއްޖެބއަށް ކުރެވޭނެ ކަމެއް ނޫންކަން ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް އަނިޔާއާ ދެކޮޅު ހަދާކަން އެންމެ ކުޑަމިނުން ފާޅުކުރަން ޖެހޭ ކަމަށެވެ.

މޯދީ ތަގުރީރު ކުރައްވާ ޖަލްސާއިން ނުކުމެވަޑައިގަންނަވާނެ ކަމަށް ތޯރިގު ވަނީ ކުރިން ވެސް ވިދާޅުވެފަ އެވެ. އެ ޖަލްސާ ބާއްވަން މަޖިލީހުން ކަނޑައެޅި ވަގުތާ މެދުގައި ވެސް އޭނާ ނުރުހުން ފާޅުކުރެއްވި އެވެ.

ތޯރިގު ވިދާޅުވި ގޮތުގައި ޖަލްސާ ދޫކުރައްވާ ވަޑައިގެންނެވި ނަމަވެސް ގައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން މޯދީ އަށް އިހުތިރާމް ވާނީ ކުރައްވާފަ އެވެ. އަޑު އުފުއްލަވައި އިހުތިޖާޖް ނުކުރެއްވީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.