ފައިސާދޭން އީސީން އެދުނީ ތިން ޕާޓީއަކަށް: ފިނޭންސް

ދައުލަތުގެ ބަޖެޓުން ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުށަހެޅި ކަމަށް ބުނި ނަމަވެސް، ފައިސާ ދޭން އެދުނީ ތިން ޕާޓީއަކަށް ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.


ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެދުނު ގޮތަށް ފައިސާ ޖަމާކޮށްދީފައި ވަނީ އީސީން ހުށަހެޅި ތިން ޕާޓީއަކަށް ކަމަށެވެ. ފިނޭންސުން މިއަދު ފައިސާ ޖަމާކޮށްދީފައި ވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭއަށެވެ.

އީސީން ބުނި ގޮތުގައި ޕީޕީއެމަށް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދޭން ވެސް ފިނޭންސްގައި އެދިފައިވާނެ އެވެ. އެކަމަކު އެ ޕާޓީ އަށް ފައިސާ ޖަމައެއް ނުކުރެ އެވެ.

ޕާޓީތަކަށް ފައިސާ ދިން އިރު، މެމްބަރުން އެންމެ ގިނަ އެމްޑީޕީ އަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ޖޭޕީ އަދި އެމްޑީއޭ އަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ހަތަރު ޕާޓީއަކަށް ފައިސާ ދޫކޮށްދޭން އެދި ފިނޭންސަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފިނޭންސަށް ފޮނުވި އިރު، އެއްވެސް ޕާޓީއެއް އިސްތިސްނާކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޕީޕީއެމަށް ފައިސާ ޖަމާ ނުކުރާ ކަމަށް ބުނުމުން، އަކުރަމް ވިދާޅުވީ އެކަން ވެފައި އޮތް ގޮތެއް އީސީން ބަލާނެ ކަމަށެވެ.

ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ.

ކޮމިޝަންގައި ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. އެހެންވެ މި އަހަރު ވެސް ފައިސާ ލިބެނީ، މިދިޔަ އަހަރު ބަޖެޓް ފާސްކުރި އިރު، އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީ އަށެވެ.

އިސީ އަށް މި ފަހުން ހުށަހެޅި ފޯމުތައް ޗެކްކޮށް ނިމުނު އިރު މެމްބަރުން އެންމެ ގިނަ ޕާޓީގެ ރެކޯޑާ އެކު، އެމްޑީޕީގައި ތިބި މީހުންގެ އަދަދު ބައިލައްކަ އަށް އަރަ އެވެ. އަދި 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ އަދަދު ވަނީ ދޭކަށްވެފަ އެވެ. މިހާރު އެ އަދަދަށް މެމްބަރުން ހަމަވަނީ އެމްޑީޕީގެ އިތުރުން ޕީޕީއެމްގަ އެވެެ.

ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ޖެހެ އެވެ. ނަމަވެސް އެ ފައިސާ ދޫކުރުން މިފަހަރު ލަސްވީ، އީސީން ބުނިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ފޯމު ހުށަހެޅުމުން، އޭގެ ސައްހަކަން ބެލުމަށެވެ.