މާލޭ ޖަލުގެ އެނެކްސް 1 ގައި އަދިވެސް މީހުން ބަންދުކުރޭ: އެޗްއާރުސީއެމް

ހާލަތު ދަށްކަމުން ކަމަށް ބުނެ ބަންދުކުރަން ނިންމި މާލޭ ޖަލުގެ އެނެކްސް 1 ގައި އަދިވެސް ބައެއް މީހުން ބަންދު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.


އިންސާނުން ބައިތިއްބަން އެކަށީގެން ނުވާތީ ކަމަށް ބުނެ މާލޭ ޖަލުގެ އެނެކްސް 1 ބަންދުކުރަން ކަރެކްޝަންސް އިން ކުރިން އޮތީ ނިންމައިފަ އެވެ. އެތަން އަލުން ބޭނުންކުރަން ފެށީ އެތަން މަރާމާތު ކުރުމަށް ފަހު ކަމަށް ވެސް ކަރެކްޝަންސް އިން އޭރު ބުނެފައިވެ އެވެ.

އެޗްއާރުސީއެމް އިން މާލޭ ޖަލަށް ކުރި ޒިޔާރަތަށް ފަހު މިއަދު ނެރުނު ބަޔާނުގައިވަނީ ރަސްމީކޮށް އެނެކްސް 1 ބަންދުކޮށް، އެތަނުގައި ތިބި ގައިދީން އެހެން ތަންތަނަށް ބަދަލު ކޮށްފައި ވިޔަސް، އެތަން މަރާމާތުކުރުމެއް ނެތި މިހާރު ވެސް އެހެނިހެން ކަންކަމުގައި މީހުން އެތަނުގައި ބަންދު ކުރަމުންދާ ކަމަށެވެ. އަދި އެނެކްސް 1 ރަސްމީކޮށް، ބަންދު ކުރުމާ ގުޅިގެން އެތަނުގައި ތިބި އުމުރުން ދުވަސްވީ މީހުން ޖަލުގެ މެޑިކަލް ވޯޑުގައި ބައިތިއްބާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޖަލުގެ ޖާގައަށް ވުރެ ގިނަ މީހުން ޖަލުގައި ބޭތިއްބުމުގެ މައްސަލާގެ އިތުރުން ކުށް ސާބިތުވެފައި ތިބި މީހުންނާއި ތުހުމަތުގައި ބަންދުގައި ތިބޭ މީހުން ވަކިން ބޭތިއްބުމަށް ކޮމިޝަނުން ކުރިން ލަފާ ދީފައި ވިޔަސް އެގޮތަށް އަމަލު ނުކުރާ ކަން ފާހަގަވި ކަމަށް ބަޔާނުގައިވެ އެވެ. އަދި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގައި ގިނަ ދުވަސްވުމާއި ޖަލުގެ ތެރޭގައި ސިއްހީ މައްސަލަތައް ގިނަ ކަން ފާހަގަވި ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ތިބި މީހުން ވެސް ޖަލުގައި ތިބި ކަމަށާއި ޝަރީއަތް ކުރިއަށް ނުދާތާ ގިނަ ދުވަސްވެފައިވާ މީހުން ވެސް ތިބި ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ބަންދުގައި ތިބޭ ބިދޭސީންނަށް އެ މީހުންގެ ގައުމުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި އެ މީހުންގެ އާއިލާގެ ހާލު ބެލޭނެ އިންތިޒާމެއް ވެސް ޖަލުގައި ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ކަސްރަތު ކުރަން ގައިދީންނަށް ބޭރަށް ނުދެވުމާއި ކާބޯތަކެތީގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ހައްލު ނުވެ ހުރި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެކަންކަމަކީ 2014 ވަނަ އަހަރާއި 2017 ވަނަ އަހަރު ވެސް އެ ޖަލަށް އެ ކޮމިޝަނުން ކުރި ޒިޔާރަތުގައި ފާހަގަކުރި މައްސަލަތައް ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ގައިދީންގެ ސިއްހީ ހާލަތާ ގުޅޭ މައްސަލަތައް އެ ޒިޔާރަތުގައި ފާހަގަ ކުރެވިފައިވާތީ އޭގެ ތެރެއިން 30 މައްސަލައެއް އެ ކޮމިޝަނުން މިހާރު ވަނީ ބަލަން ފަށައިފަ އެވެ. އަދި އެ ޒިޔާރަތުގައި ފާހަގަވި ކަންކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް ފަހު، އެކަންކަން އިސްލާހު ކުރޭތޯ ބަލަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މާލޭ ޖަލުގެ ހާލަތާ ގުޅޭގޮތުން އެޗްއާރުސީއެމުން ބަޔާނެއް ނެރުނުއިރު، ޖަލުތަކުގެ ހާލަތު ބެލުމަށް ހޯމް މިނިސްޓްރީން އުފެއްދި ޚާއްސަ ކޮމިޝަނުން ވެސް ވަނީ ހުރިހާ ޖަލުތަކެއްގެ ހާލަތު ބެލުމަށް ފަހު ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ވެސް ޖަލުތަކުގެ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވެ އެވެ. އެކަމަކު އެ ރިޕޯޓަށް އެޗްއާރުސީއެމް އިން ވަނީ ފާޑު ކިޔައިފަ އެވެ.