ލ. ގަމުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ލ. ގަމު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.


ފުލުހުން ބުނީ ގަމުގެ ގެއެއްގައި ކުއްޔަށް ދޭ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިއަދު މެންދުރު ފެނުނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި އެ މީހާގެ ހަށިގަނޑު އޮތީ ހަރުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެ މީހާއަކީ ޗުއްޓީ އަށް އެ ރަށަށް ގޮސް އުޅުނު މީހެކެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.