ތިމާވެށި ދުވަހުގެ ފޮޓޯ މައުރަޒު ނައިބު ރައީސް ހުޅުއްވައި ދެއްވައިފި

މި އަހަރުގެ ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އެންވަޔަރުމެންޓް މިނިސްޓްރީ އާއި އާޓްސް އެންޑް ކަލްޗާ މިނިސްޓްރީން އިންތިޒާމު ކުރި ފޮޓޯ މައުރަޒު، ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ހުޅުއްވައި ދެއްވައިފި އެވެ.


'ދިވެހި ތާރީޚުގެ ތެރެއިން ތިމާވެށި' ފޮޓޯ މައުރަޒު އިފުތިތާހު ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓޭތޯ މަސައްކަތް ކުރުމަށް އެންމެންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރިކަ އާއި ސަގާފަތް ދިރުވުމަށް ވެސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އާޓް ގެލެރީގައި އޮތް މި ހަފުލާގައި ނައިބު ރައީސް ފައިސަލް ވަނީ ވައި ތަޣައްޔަރުވުން ހައްލުކުރުމަށްޓަކައި ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެމަނިކުފާނު ވިދާޅުވި ގޮތުގައި، މައުރަޒު ގައި ހުރި ފޮޓޯތަކުން ދޭހަވާ މެސެޖުތައް ނުވަތަ އިންޒާރުތައް ބަލައިގަނެ ކުރިން އޮތް "ޖަޒީރާ ރާއްޖެ" އެގޮތުގައި ދެމެހެއްޓޭތޯ މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ އާޓް ގެލެރީގައި ކުރިއަށް ގެންދާ މައުރަޒު މިރެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. މައުރަޒު ހުޅުވާފައި ހުންނާނީ މާދަމާގެ ހެނދުނު 10 ން މެންދުރު 12 އަށް، މެންދުރު ފަހު 2 ން ހަވީރު 6 އަށް އަދި ރޭގަނޑު 8 ން 11 ޖަހަންދެނެވެ. މައުރަޒު، ބުރާސްފަތި ދުވަހު ހުޅުވާލާނީ ހެނދުނު 10 ން މެންދުރު 12 އަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނިގޮތުގައި، ދިވެހި ވެއްޓަށް އައިސްފައިވާ ބަދަލުތައް ފޮޓޯގެ ޒަރީއާ އިން މި މައުރަޒުގައި ފެންނާނެ އެވެ. އަދި ތިމާވެއްޓާ ގުޅޭ ތާރީޚީ ލިޔުންތައް ވެސް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.