ޗުއްޓީގައި ހުރެ އަދީބުގެ މައްސަލަ ނިންމުމުން ޝުޖާއު އުސްމާންގެ މައްސަލަ ޖޭއެސްސީ އަށް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޚިޔާނާތުގެ މައްސަލައެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހުކުމް ކުރެއްވީ ޗުއްޓީގައި ހުންނަވައިގެން ކަމަށް ބުނެ އޭނާގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހުށަޙަޅައިފި އެވެ.


ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ފޮނުއްވި ސިޓީއެއްގައި ވަނީ އަދީބު 77 މިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވިކަމުގެ މައްސަލަ ޝުޖާއު ނިންމަވާފައި ވަނީ ޗުއްޓީގައި ހުންނަވައިގެން ކުއްލިއަކަށް ކޯޓަށް ވަޑައިގެން ކަމަށެވެ. އަދި އެ މައްސަލަ ބައްލަވައި އަދީބު ކުށުން ބަރީއަކުރުމަށް ފަހު އަނެއްކާވެސް ޗުއްޓީ ކުރިއަށް ގެންދެވި ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

އެހެންވެ، މިކަމުގައި ޝުޖާއުގެ އެއްވެސް ސުލޫކީ މައްސަލައެއް އުޅޭ ނަމަ، މިކަން ވީ އެންމެ އަވަސް ފުރުސަތެއްގައި ބައްލަވައި ދެއްވުމަށް އަރީފްގެ ކިބައިން މީކާއިލް އެދިވަޑައިގެންނެވި އެވެ.

އެކިއެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބުގެ ހުކުމްތައް ބާތިލް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ވަނީ ދީފަ އެވެ.

އަދީބު ރާއްޖެ އިން ބޭރަށް ފުރުވާލާތީ އޭނާ ފިލިޔަ ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެޅީ ކޮން ފިޔަވަޅުތަކެއްތޯ ބެލުމަށް މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ވެސް މީކާއިލް އެވެ.

އަދީބަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާލުމުގެ ފަހަތުގައިވާ މީހުންނާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ޝާމިލްވާ މީހުން ވަގަށް ބޭރަށް ފުރުވާލުމަށް މަަދަދުވެރިވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް ކަމަށް ބައެއް މެންބަރުން ވިދާޅުވި އެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމްތައް ބާތިލް ކުރިއިރު، ޚިޔާނާތުގެ މައްސަލަ ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު، ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ވަނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު ވަރަށް އަވަހަށް މިނިވަން ވާނެ އެވެ.