ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ފުރަތަމަ ފަހަރަށް މަޖިލީހަށް ފޮނުވަނީ

ފަނޑިޔާރަކު ވަކިކުރަން ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މިއަދު ނިންމައިފި އެވެ.


ފަނޑިޔާރުންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމަކީ ޖޭއެސްސީގެ ޒިންމާއެއް ކަމަށް ވިޔަސް، ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށެވެ. މީގެކުރިން މައްސަލައަކާ ގުޅިގެން މަޖިލީހުން ފާސްކޮށްގެން ފަނޑިޔާރަކު ވަކިކޮށްފައެއް ނުވެ އެވެ.

ޖޭއެސްސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން މިއަދު ކޮމިޝަނުން ނިންމީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭ އިބްރާހިމް ރަޝީދެވެ. އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ނިންމީ ކޮމިޝަނުން ބެލި މައްސަލައަކާ ގުޅިގެން ކަމަށް ޒަހީން ވިދާޅުވި އެވެ.

"ތަހުގީގު ނިންމާފައި އަޅުގަނޑުމެން ދޭންޖެހޭ ހުރިހާ މުއްދަތެއް ދިނުމަށް ކޮމިޝަނުން މި ނިންމީ މަޖިލީހަށް ހުށަހަޅަން. އަޅުގަނޑުމެންނަކަށް ނޯވޭ އެއްވެސް ފަނޑިޔާރަކު ވަކި ކުރުމުގެ ބާރެއް." ޒަހީން ވިދާޅުވި އެވެ.

ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުންނެވެ.

މީގެ ކުރިން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުން ވަކިކުރަން ޖޭއެސްސީން ފޮނުވިޔަސް، އޭރު އެ ނިންމުން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަކުރަން ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުންނެވެ.

އޭގެ ފަހުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ފަނޑިޔާރުކަމުން ވަކިވީ އެ ބޭފުޅުންގެ މައްޗަށް ކުށް ސާބިތުވެ، އިސްތިއުނާފް މަރުހަލާ ނިމުމުންނެވެ.