ފްލައިޓްތެރޭގައި އަންހެނަކާ ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

އައްޑޫން މާލެ އައި މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރޭގައި ބިދޭސީއަކު ދިވެހި އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.


ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ އެ ފިރިހެން މީހާ ފްލައިޓްތެރޭގައި ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންކަން ފިޔަވައި، އެ މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އަންހެން މީހާ ވަނީ އޭނާއަށް ފުރައްސާރަ ކުރާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮޮތުގައި އަންހެން މީހާގެ ކުރިމަތީ ގޮނޑީގައި އިން އެ މީހާ، ގޮނޑީގެ ދޭތެރެއިން ފަހަތަށް އެނބުރި އިނގިލިންނާއި ދުލުން ހުތުރު ވައްތަރު ޖައްސައި ހަދަ އެވެ. އަދި އޭނާގެ ފޯނުން، ނިވާކަންކުޑަ ހެދުން ލައިގެން ތިބޭ އަދި ޖިންސީ އަމަލުތައް ފެންނަ ފޮޓޯތައް އަންހެން މީހާއަށް ދައްކަ އެވެ.

ސޯޝަލް މީޑިއާގައި އަންހެން މީހާ ލިޔުނު ގޮތުގައި ބޯޓު އައްޑޫން ފުރީންސުރެ ހުޅުލޭ އެއާޕޯޓުގައި ޖައްސަންދެން އެ މީހާ ފުރައްސާރަ ކުރި އެވެ. އެންމެ ފުރަތަމަ ދަބަހުން ބްރާއެއް ނަގައި އަންހެން މީހާއަށް ދެއްކި ކަމަށާއި ދެން ފަހުން އިނގިލިން ހުތުރު ވައްތަރުތައް ޖެއްސިކަމަށް އޭނާ ބުންޏެވެ.

ބޯޓު ޖެއްސުމާއެކު އަންހެން މީހާ ވަނީ އެކަން ކްރޫއިންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

އަންހެން މީހާ ބުނިގޮތުގައި އެކަން ކުރީ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއެކެވެ. އެކަމަކު ޔުނިވަސިޓީން އެކަން ޔަގީން ކުރެވޭ ގޮތެއް ނުވި އެވެ.

މާލޭ މަގުމަތިން އަންހެނަކަށް ފުރައްސާރަކޮށް، ފޮށި ހެދި ކަމުގެ ތުހުމަތުގައި މެދު އުމުރުގެ ފިރިހެނަކު މިދިޔަ ހަފުތާގައި ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން އެ މީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.