ޑރ. ފަރުޒާނާ އަވަހާރަވެއްޖެ

ރާއްޖޭގެ ސިއްހީ ދާއިރާގައި 36 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ޑރ. ފަރުޒާނާ ޚާތޫން އިނގިރޭސި ވިލާތުގައި ރޭ އަވަހާރަވެއްޖެ އެވެ.


ކަރުންމަތީގެ މަޝްހޫރު ޑރ. މުހައްމަދު ވަހީދުގެ އަނބިކަނބަލުން ފަރުޒާނާ 69، އަވަހާރަވީ އިނގިރޭސި ވިލާތުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. އޭނާގެ މައްޗަށް ކުރާ ކަަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަަޒުގައި އޮންނާނެ އެވެ.

ޕާކިސްތާނަށް އުފަން ފަރުޒާނާ ރާއްޖޭގައި ވަޒީފާ އަދާކުރެއްވީ ތެލެސީމިއާ ސެންޓަރުގަ އެވެ. މީގެ ހައެއްކަ އަހަރު ކުރިން ވަޒީފާ އިން ރިޓަޔާ ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ތެލެސީމިއާ ސެންޓަރުގެ ސީނިއާ ރަޖިސްޓްރާ އިން މެޑިސިންގެ މަގާމުގަ އެވެ. ސިއްހީ ދާއިރާގައި މަސައްކަތް ކުރެއްވި 36 އަހަރުގެ ތެރެއިން 21 އަހަރު ފަރުޒާނާ ހޭދަކުރެއްވީ ތެލެސީމިއާ އަށް ފަރުވާ ދިނުމާ ގުޅޭ ކަންކަމާއި ތެލެސީމިއާ ސެންޓަރު ހިންގުމުގަ އެވެ. ތެލެސީމިއާ ސެންޓަރުގެ އިތުރުން މާލޭގެ ކުރީގެ ސެންޓްރަލް ހޮސްޕިޓަލާއި މޯލްޑިވިއަން ބްލަޑް ސާވިސަސް ގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ފަރުޒާނާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވާތާ 20 އަހަރު ވުމާ ގުޅިގެން އޮކްޓޫބަރު 31، 2002 ގައި ވަނީ ޕެންޝަން ވެސް ލިބިވަޑައިގެންފަ އެވެ.

ރިޓަޔާ ކުރެއްވުމަށް ފަހު ފަރުޒާނާ ދިރިއުޅުއްވީ އިނގިރޭސި ވިލާތުގަ އެވެ. އެކަމަކު ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގަންނަވަ އެވެ.

ގިނަ ބަޔަކު ފަރުޒާނާ ފާހަގަކުރަނީ ބަލި މީހުންނަށް އަޅާލައްވާ، ޚާއްސަކޮށް ކުޑަކުދިންނަށް އޯގާތެރި، ޚިދުމަތް ދެއްވުމުގައި ތަފާތު ނުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ފަރުޒާނާގެ ފިރިކަލުން ޑރ. ވަހީދު އަވަހާރަވީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. އެ ދެ ބޭފުޅުންނަށް ތިން ކުދިން ލިބިވަޑައިގެންފައި ވެ އެވެ.