ފަނޑިޔާރު ޑީޑީގެ މައްސަލަ ނުބަލާ ކަމަށް ފުލުހުންނާއި އޭސީސީން އޮތީ އަންގާފައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިދިޔަ ހަފުތާގައި އަންގާފައިވާ ކަން އެނގިއްޖެ އެވެ.


ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިދިޔަ ހަފުތާގައި ވަނީ ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރަން ނިންމައިފަ އެވެ. އެ ފިޔަވަޅު އެޅީ އެމަނިކުފާނާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ޖޭއެސްސީ އަށް އަންގާފައިވާތީ ކަމަށް އެ ކޮމިޝަނުން އޭރު ބުނެފައިވެ އެވެ. އޭގެ ކުރިން، މި މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުއްވި އެވެ.

"މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު ޑީޑީއާ ގުޅޭ އެއްވެސް މައްސަލައެއް ލިބިފައި ނެތް ކަމަށް ފުލުހުންނާއި އޭސީސީން ފަނޑިޔާރު ޑީޑީ އަށް ލިޔުމުން އަންގާފައިވަނީ ޖޭއެސްސީން އެމަނިކުފާނު ސަސްޕެންޑް ކުރުމުގެ ދެތިން ދުވަސް ކުރިން މިދިޔަ ހަފުތާގަ އެވެ.

އެގޮތަށް ފުލުހުންނާއި އޭސީސީން އެންގީ ފަނޑިޔާރު ޑީޑީއާ ގުޅޭ މައްސަލައެއް ހުށަހެޅިފައިވޭތޯ ބެލުމަށް އެމަނިކުފާނު ފުލުހުންނާއި އޭސީސީގައި އެދިވަޑައިގަތުމުން ކަމަށް ވެސް ވަނީ އެނގިފަ އެވެ. އެގޮތުން ފަނޑިޔާރު ޑީޑީގެ މައްސަލައެއް ބަލައި ދިނުމަށް އެދި ބަޔަކު ހުށަހަޅާފައި ނެތް ކަމަށް ފުލުހުން އެމަނިކުފާނަށް އަންގާފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އޭސީސީން އެންގީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ފަނޑިޔާރު ޑީޑީ ސަސްޕެންޑު ކުރަން ޖޭއެއްސީން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ.

ފަނޑިޔާރު ޑީޑީއާ ގުޅޭގޮތުން ނަޝީދު ޖޭއެސްސީ އަށް ހުށަހެޅުއްވީ އެމަނިކުފާނުގެ އަނބިކަނބަލުންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާވި ކަމަށް ބުނެ އެވެ. ޖޭއެސްސީން ބުނެފައިވާ ގޮތުގައި ފުލުހުން ބަލަމުންދަނީ ވެސް އެކަމާ ގުޅުންހުރި މައްސަލައެކެވެ. އެކަމަކު އެ ތުހުމަތު ދޮގު ކުރައްވައި، ފަނޑިޔާރު ޑީޑީ ކުރިން ވިދާޅުވެފައިވަނީ ނުހައްގު އެއްވެސް ފައިސާއެއް އެމަނިކުފާނު އަދި އެމަނިކުފާނާ ގުޅުންހުރި އެކައުންޓެއްގައި ވެސް ނުހުންނާނެ ކަމަށެވެ.

ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމިޔަސް، އެ ނިންމުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ބުނެފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރު ދެމި އޮތުމުން ފަނޑިޔާރު ޑީޑީ މިހާރު ގެންދަވަނީ ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވަމުންނެވެ.