އައިޖީއެމްއެޗްގައި ސީޓީ ސްކޭންގެ ހިދުމަތް އަލުން ފަށައިފި

އައިޖީއެމްއެޗުގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް އަލުން ފަށައިފި އެވެ.


އެ ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނުގައި ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން، ސީޓީ ސްކޭން މެޝިނަށް ކަރަންޓް ދިނުމަށް ދިމާވި މައްސަލަ ހައްލުކޮށް އިއްޔެ ހަވީރު 6:00 އިން ފެށިގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގީ އެ ހޮސްޕިޓަލްގެ ސީޓީ ސްކޭން މެޝިނާއި އައިޓީ ބައެއް ތަކެއްޗަށް ބެކަޕް ކަރަންޓު ދޭން ބޭނުންކުރާ ޔޫޕީއެސް ސިސްޓަމްގެ ބެޓެރި ބޭންކްގަ އެވެ. އަލިފާންގަނޑު ނުފެތުރެނީސް ސިފައިން ވަނީ ނިއްވާލައިފަ އެވެ.

އައިޖީއެމްއެޗުގައި ސީޓީ ސްކޭން ހެދުން މެދުކެނޑިފައިވާތީ، އިމަޖެންސީކޮށް ސީޓީ ހަދަން ޖެހޭ މީހުން ޓްރީ ޓޮޕަށް ފޮނުވަން ސަރުކާރުގެ މައި ހޮސްޕިޓަލުން ނިންމި އެވެ. ހުޅުމާލޭގައި ހުންނަ ޓްރީޓޮޕަށް ފޮނުވަން އެ ހޮސްޕިޓަލާއި އާސަންދައާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.