ރާއްޖޭގެ ރިފޯމް އެޖެންޑާއާ މެދު ވަރަށް ހިތްހަމަޖެހޭ: ހައުލިއަންގް ޒޫ

ރާއްޖެއިން ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދާ ރިޕޯމް އެޖެންޑާއާ މެދު ހިތްހަމަޖެހޭ ކަމަށް އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހައުލިއަންގް ޒޫ ވިދާޅުވެއްޖެ އެވެ.


އަދުލް އިންސާފާ ގުޅޭ ގޮތުން މިއަދު ހެނދުނު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ބޭއްވި ސެޝަންގައި، ޔޫއެންޑީޕީގެ އޭޝިއާ އެންޑް ޕެސިފިކް ރީޖަނަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާ ޒޫ ވިދާޅުވީ، ތަރައްގީވަމުންދާ ގައުމުތަކާ އެކު އދ. އިން މަސައްކަތް ކުރަމުން އަންނައިރު އެންމެ ބޮޑަށް އިސްކަން ދެނީ ދެމެހެއްޓެނިވި ތަރައްގީ އަށް ކަމަށެވެ. ޒޫ ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ އެޖެންޑާގައި ބައިނަލްއަގްވާމީ ގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އދ. އިން ޓާގެޓްކޮށްފައިވާ ލަނޑުދަނޑިތައް ހިމެނޭ ކަމަށެވެ.

ޒޫ ވިދާޅުވީ، އަދުލް އިންސާފު ގާއިމް ކުރުމަށް މަސައްކަތް ކުރާއިރު މުހިއްމު ހަތަރު ކަމަކަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫނުތައް ތަންފީޒުކޮށް، މިނިވަން ޖުޑިޝަރީއެއް ގާއިމް ކުރުމާއި މިނިވަންކަމާ އެކު ފުރިހަމަ އަށް މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިނިވަން މުއައްސާސާތަކުގެ ދައުރު ވަރަށް މުހިއްމު ކަަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމަށް ގެންނަ ބަދަލުތަކަކީ ދެފުށް ފެންނަ ގޮތަކަށް، ހުރިހާ ފަންތިއެއްގެ މީހުންގެ މަޝްވަރާ އެކު ގެންނަ އެއްޗެއްކަން ޔަގީން ކުރަންޖެހޭ. މި ބަދަލުތަކަކީ އަމާން މާހައުލެއްގެ ތެރެއިން ގެންނަ ބަދަލުތަކަށް ހަދަން ޖެހޭ. އަދި މި ބަދަލުތަކަށް ހުރިހާ ރައްޔިތުން ހޭލުންތެރި ކުރަން ޖެހޭ،" މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ޔޫއެންޑީޕީން ތަމްސީލް ކުރެއްވި ޒޫ ވިދާޅުވި އެވެ.

ޒޫ ވިދާޅުވީ، ގައުމުގެ ތަރައްގީ އަށް ކުރާ އިންވެސްޓްމެންޓްތަކަކީ ތިމާވެއްޓަށް ގެންލުން ކުޑަ، ދެމެހެއްޓެނިވި ތަރައްގީއަކަށް ހެދުމަށް އިސްކަން ދޭންޖެހޭ ކަމަށެވެ. ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ޕްރައިވެޓް ސެކްޓަރާއި ވިޔަފާރީގެ މާހައުލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ. މި ފޯރަމްގައި 35 ގައުމަކުން 130 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މި ފޯރަމްގައި ސަރުކާރުގެ ކެމިނެޓްގެ މިނިސްޓަރުންނާއި އިސްވެރިން ވަނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވައިފަ އެވެ.