އުމުރުން ދުވަސްވީ މީހުންނަށް 10،000ރ. ދޭން މަޖިލިހަށް

އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10،000ރ. އަށް ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިއްޔެ މަޖިލިހަށް ހުށަހަޅުއްވައިފި އެވެ.


ޖާބިރު މަޖިލިހަށް ފޮނުއްވި މައްސަލައެއްގައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތުގެ އިތުރުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ ފައިސާގެ އެހީ އާއި މައިންބަފައިންގެ އެހީތެރިކަމެއް ނެތި، ކުދިން ބަލަހައްޓާ މީހުންނަށް އިނާޔަތް ދޭން ވެސް ހުށަހަޅައިފަ އެވެ.

އެގޮތުން އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށާއި އެހީތެރިކަމެއް ނެތި، ކުދިން ބަލަހައްޓައިދޭ މީހުންނަށް ދޭން ހުށަހެޅީ 7،500ރ. އެވެ. އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މިހާރު ދެމުން އަންނަނީ 2،000ރ. އެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ބަޖެޓުން ކޮންމެ މަހަކު 5،000ރ. ގެ އިނާޠަތެއް ދެ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. --- ފޮޓޯ: މިހާރު

އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ބައެއް ދާއިރާތަކަށް ދެމުން އަންނަ ފައިސާގެ އެހީގެ މިންވަރު ބަދަލުކުރީ އާއިލާތައް ރޫޅި ކުދިންނާއި މައިންނަށް ލިބެމުން އަންނަ ދަތި އުނދަގޫ ކަންކަމުން އަރައިގަނެވި ދުޅަހެޔޮ ޖީލެއް ބިނާ ކުރުމުގެ ބޭނުމުގައި ކަމަށް ވެސް ޖާބިރު ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަކީ ގަދަރުވެރިކަމާއި ފުދުންތެރިކަމާ އެކު މުޖުތަމައުގައި ދިރިއުޅޭ ބަޔަކަށް ހަދައި އެ މީހުންނަށް ހުރިހާ މާނައެއްގައި ވެސް އުފާވެރި މުޖުތުމައުއެއްގައި ބިނާކުރުން އެހީތެރިވެ ދިނުމަށް ބޭނުންވާތީ މައްސަލަ ހުށަހެޅުއްވީ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވަނީ ރާއްޖޭގެ ހިންގުމުގެ ދާއިރާ އާއި މާލީ ދާއިރާ އާއި އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާތަކުގެ ޕްރޮފެޝަނަލް ވަޒީފާތަކުގައި ރާއްޖެ އިން ބޭރުން ގެންނަ ބިދޭސީންނަށް ދެމުން އައި ރަލާއި އޫރު މަހުގެ ކޯޓާ ދޫކުރުން މިހާރު ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ވެސް ކޮމިޓީ އަށް ހުށަހަޅުއްވައިފަ އެވެ. އެގޮތުން، އެފަދަ ފަރާތްތަކަށް އަލުން ރަލާއި އޫރު މަހުގެ ކޯޓާ ދޫކުރާ ގޮތަށް މަޖިލިހުގެ ގަވައިދު ކޮމިޓީ މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީ އާއި ކަސްޓަމްސްގެ ބެލެނިވެރިކަމުގެ ދަށުން ގަވައިދު ބަދަލުކޮށްދިނުމަށް އެދި މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.