އެއް އަހަރުވުމުން ޕްރީސްކޫލަށް ކުދިން ގެންދަން މަޖިލިހަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ކުދިންގެ އުމުރުން އެއް އަހަރުން ފެށިގެން ޕްރީ ސްކޫލްގެ ޕްރޮގްރާމްތައް ހިންގުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ބޭރުކޮށްލައިފި އެވެ.


ފެލިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު، ޕްރީ ސްކޫލް ހިންގުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް 62 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ހަތަރު މެމްބަރަކު ބިލް ބަލައިގަންނަން ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރު އިންނެވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ފަޒުލް ހުށަހެޅުއްވި ބިލުގައިވާ ގޮތުން އުމުރުން އެއް އަހަރުން ފެށިގެން ހަ އަހަރާ ދެމެދުގެ ކުދިންނަށް ޕްރީ ސްކޫލްގެ ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ.

"ބޭބީ ނާސަރީ" ގެ ބިލުން މަޝްހޫރުވި އިސްލާހުގައި ވާ ގޮތުން ޕްރީ ސްކޫލްތަކުގައި ޕްރޮގްރާމްތައް ހިންގާނީ ފަސް އުމުރުފުރައަކަށް ބަހާލައިގެންނެވެ. ޕްރީ ސްކޫލް ހިންގުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ ޕްރޮގްރާމްތައް ހިންގާނީ ހަތަރު އަހަރާއި ހަ އަހަރުގެ ކުދިންނަށެވެ.

ބިލްގައިވާ ގޮތުން، މި އިސްލާހުގެ ބޭނުމަކީ، ކުޑަކުދިންނަށް އެންމެ ކުޑައިރުގައި އެ ކުއްޖެއްގެ އުގެނުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގެ ފުރުސަތު ލިބުމާއި އުނގެނުމުގެ މާހައުލު ހަރުދަނާކުރުމަށާއި ތައުލީމަށް ލޯ ހުޅުވުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ.

އެ އިސްލާހުގައި ވަނީ ދައުލަތުގެ ފުރިހަމަ ބައިވެރިވުމާ އެކު، ދައުލަތުން މަގުފަހިކޮށްދީގެން ކައުންސިލްތަކުން ނުވަތަ އަމިއްލަ ފަރާތްތަކުން ނުވަތަ މުޖުތަމައުން ހިންގާ ޕްރީސްކޫލްތަކެއް ހުރުމުގެ އިތުރުން ދައުލަތުން ހިންގާ ޕްރީސްކޫލްތަކެއް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކޮށް، ދައުލަތުން އެ ތަންތަން ހިންގުން ލާޒިމްކުރަން ވާނެ ކަމަށް ބުނެފަ އެވެ.

މި އިސްލާހަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ އުމުރުން އެއް އަހަރުގެ ކުދިން ޕްރީ ސްކޫލްގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ ބިލާ ދެކޮޅު ހައްދަވައިފަ އެވެ. މިއީ ސަރުކާރުގެ ތައުލީމީ ސިޔާސަތު ފުނޑުފުނޑުކޮށްލަން ހުށަހެޅި ބިލެއް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.