އިހަވަންދޫގައި ސްޕީޑް ފެރީގެ ހިދުމަތް ނައިބު ރައީސް ފައްޓަވައި ދެއްވައިފި

ހއ. އިހަވަންދޫގައި ސްޕީޑް ފެރީގެ ހިދުމަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހުކޮށް ދެއްވައިފި އެވެ. މިއީ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ނައިބު ރައީސް ފައިސަލް ފެއްޓެވި ދަތުރުފުޅުގައި ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވި ދެ ވަނަ ރަށެވެ.


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ ފެރީގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު، ނައިބު ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން އެންމެ އެދޭ ގޮތަށް ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތަށް ވަޑައިގަންނަވަނީ އެ ސަބަބާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ދެމި އޮންނަނީ އެންމެ ބޭނުމެއްގަ އެވެ. އެއީ ރައްޔިތުންނާ ގާތުން ހިދުމަތްކޮށް ދިނުމަށް އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ދަތުރުފަތުރުގެ ކަންކަން ވީހާވެސް ލުއި ފަސޭހަކޮށް ކުރިއަށް ގެންދިއުން. އެ މަސައްކަތް ފަށައިގެން ކުރިއަށް މި ދަނީ. އަޅުގަނޑު އުންމީދު ކުރަނީ މާދަމާ ފަށާ އެމްޓީސީސީގެ ފެރީގެ ހިދުމަތުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަނީ. އިހަވަންދޫގައި ސްޕީޑް ފެރީގެ ހިދުމަތް ގާއިމު ކުރުމަކީ އެ ރަށު ރައްޔިތުންނަށް ލިބޭ ފަސޭހައެއް ކަމަށް ވިދާޅުވި. --- ފޮޓޯ: ރައީސް އޮފީސް

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވި ގޮތުގައި އެމްޓީސީސީގައި ކުރިން ތިއްބެވި ވެރިން ދަތުރުފަތުރުގެ ކަންކަމަށް އިންވެސްޓް ނުކުރާ ކަމުގެ މައުލޫމާތު ކުންފުނީގެ އެޗްއޯޑީގެ ފަރާތުން ލިބިވަޑައިގެންނެވި ކަމަށެވެ. އެކަމުގެ ސަބަބުން އެމްޓީސީސީން ދެމުން ދިޔަ ދަތުރުފަތުރުގެ ނިޒާމު ދިޔައީ ހީނަރުވަމުން ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

ނަމަވެސް އޭނާ މަގާމާ ހަވާލުވެވަޑައިގެން އެމްޓީސީސީން ރައްޔިތުންނާ ގުޅިގެން ކުރެވޭނެ ކަންކަން ބަލައި، އެކަންކަން ފަހިކޮށް ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި އެކަންކަމުގައި ނައިބު ރައީސް ފައިސަލްގެ އެހީތެރިކަން ލިބިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހއ. އަދި ހދ. އަތޮޅުގެ ރަށްތަކުގެ މެދުގައި ފެރީގެ ހިދުމަތް ދިނުމަށް ކުރިން ބޭނުން ކުރީ ދޯނިތަކެކެވެ. އެކަމަކު، އެމްޓީސީސީން މި ހިދުމަތް ދިނުމަށް މިހާރު ބޭނުން ކުރާނީ ލޯންޗެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ފެރީގެ ހިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިހަވަންދޫގައި އިތުރު މަޝްރޫއުތައް ވީހާވެސް އަވަހަކަށް ފައްޓަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހއ. އިހަވަންދު އަށް ވަޑައިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން އިހަވަންދޫ ބިން ހިއްކުމާއި ފުޓްބޯޅަ ދަނޑާއި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ. ސަރުކާރު ވުޖޫދަށް އައިސްފައި އޮތީ ރައްޔިތުން ބޭނުންވެގެން، ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫގައި ނައިބު ރައީސް އިފްތިތާހުކޮށް ދެއްވި އިރު، ސްޕީޑް ފެރީގެ ހިދުމަތުގެ ދަށުން މިހާތަނަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ހއ. އަދި ހދ. ގެ ބައެއް ރަށްރަށަށެވެ. އެއީ ހއ. ހޯރަފުއްޓާއި ހއ. އިހަވަންދޫ އާއި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫ އާއި ހދ. ނޮޅިވަރަންފަރާއި ހދ. ކުޅުދުއްފުއްޓަށެވެ. ނައިބު ރައީސް އިއްޔެ ވަނީ ހޯރަފުށީގައި މި ހިދުމަތް ފައްޓަވައި ދެއްވައިފަ އެވެ.

އެމްޓީސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި ހަ ރަށަށް ސްޕީޑް ފެރީގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި ދަތުރުގެ އަގުތައް އުޅެނީ 75ރ. އިން ފެށިގެން 250ރ. އާ ދޭތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.