ޖަލު ބަލަހައްޓަން ތިބީ އެކްޓިވިސްޓުން، ހާލަތު ވަރަށް ގޯސް: ޕީޕީއެމް

ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ކަންކަން ބައިނަލްއަގުވާމީ މިންގަނޑަށް ފައްތާފައި ވަނިކޮށް މިސަރުކާރުން އެކަންކަން ބަދަލުކޮށް ޖަލުތަކުގެ ހާލަތު ވަރަށް ދަށްފެންވަރަކަށް ގެންގޮސްފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން މިއަދު ތުހުމަތުކޮށްފި އެވެ.


މާފުށީ ޖަލުގެ ދެ ގޮޅިއަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގައިދީން ނެރެ އެ މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރި މައްސަލައާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ޖަލުތަކުގައި އޮތް އަނިޔާ ކުރުމުގެ ސަގާފަތް ހުއްޓުވުމަށް ކުރީގެ ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުން އެކަންކަން ބައިނަލްއަގުވާމީ މިންގަނޑަށް ގެނެސް ހައްލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފުންނަށް ޕްރޮފެޝަނަލް ތައުލީމާއި ތަމްރީނުތައް ދީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ވަނީ ގެނެސްފައި ކަމަށް އެ ޕާޓީން ބުނެ އެވެ. ނަމަވެސް މިސަރުކާރު އައި ފަހުން އީވާން ނަސީމް މަރާލިއިރު ރާއްޖޭގެ ޖަލުތައް އޮތް ހާލަތަށް ކަންކަން ބަދަލުވާން ފަށާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"މިވީ ހަތް މަސް ދުވަސްތެރޭ ޖަލުތައް ބެލެހެއްޓުމުގެ ޕްރޮފެޝަނަލް ތަމްރީނުތައް ލިބިފައިވާ އެތައް ބަޔަކު ވަޒީފާތަކުން ވަކިކޮށް އެ މަގާމުތަކަށް ސިޔާސީ އެކްޓިވިސްޓުން ލައިގެން ޖަލުތަކުގެ ހާލަތު މިހާރު މިވަނީ 2003 ވަނަ އަހަރު މާފުށީ ޖަލުގައި އަނިޔާކޮށް މަރުހޫމް އީވާން ނަސީމް މަރާލިއިރު ރާއްޖޭގެ ޖަލުތައް އޮތް ހާލަތަށް ބަދަލުވާން ފަށާފައި،" ބަޔާނުގައި ބުނެފައިވެ އެވެ. "ގައިދީން ކޮންޓްރޯލް ކުރުމުގެ ނަމުގައި، އެކަށީގެންނުވާ ބާރުގެ ބޭނުންކޮށް ގައިދީންގެ ޖިންސީ ގުނަވަންތަކަށް އަސޭމިރުސް ސްޕްރޭ ޖެހުމާއި ގައިދީންގެ ބޯ ބޭލުން ފަދަ ހިއުމިލިއޭޝަން އާއި އަނިޔާގެ އަދަބު އެކުލެވޭ ފަދަ ކަންކަން ހިނގާފައި ވުމަކީ އަނިޔާގެ ސަގާފަތަކަށް އަދި ސިސްޓަމަކަށް ޖަލުގެ ހިންގުން ބަދަލުވާން ފަށާފައިވާ ކަމުގެ ހެއްކެއް."

މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގި އެ ހަމަނުޖެހުންތަކުގެ އިތުރުން ވޭތުވެދިޔަ ތަނުގައި އެތައް ކުށްވެރިންނެއް މުޖުތަމަ އަށް ދޫވެގެން ގޮސްފައިވާ ކަމަށާއި އެއީ ޖަލުތައް ބެލެހެއްޓުމުގައި މިސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ހަމަނުޖެހުންތަކުގެ ޒިންމާ ވަޒީރުންނާއި އެކަންކަމާ ހަވާލުވެތިބި އިސްވެރިން ނަގަން ޖެހޭ ކަމަށެވެ.

އެފަދަ މައްސަލަތައް މަޖިލީހުން ބަލައި އެކަން ތަކުރާރު ނުވާގޮތަށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވެސް ޕީޕީއެމް ބަޔާނުގައި ބުނެފައިވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވަނީ އެ ކަން ހިނގި ގޮތް ބެއްލެވުމަށް ޖަލަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި އެކަމުގައި ކަރެކްޝަނަލް ސާވިސް އިން ގޯސްތަކެއް ހަދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޖަލުގައި ހިނގި ކަންކަމާ ގުޅިގެން އެތަނުގެ ކޮމާންޑަރަކު ވަނީ ތަހުގީގު ނިމެންދެން ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރާއި ކަރެކްޝަނަލް ސާވިސްގެ ވެރިން މިރޭ މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ސިޔާސީ އެތައް ލީޑަރުންނެއް ޖަލަށް ލާފައިވާއިރު ގިނަ ފަރާތްތަކަކަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބުމުގެ މައްސަލަ ކުރިމަތިވި އެވެ. އެފަދަ ހާލަތެއްގައި ގ. ކީމާ އަބްދުﷲ ރަޝީދު ވަނީ ނިޔާވެފަ އެވެ.