ޝައިމް ގެއްލުނު މައްސަލައިގެ މައުލޫމާތު މަޖިލީހުން ހޯދަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނު މައްސަލައިގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.


ޝައިމް ގެއްލުނު މައްސަލައިގެ މައުލޫމާތު ސާފުކުރަން ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވައިގެން މައުލޫމާތު ސާފު ކުރަން ހުށަހެޅުއްވީ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން އިއްތިފާގު ވެވަޑައިގެންނެވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ގެއްލުމަކީ ކަންބޮޑުވާ ކަމަކަށް ވިޔަސް އެކަން ބަލަން ޖެހޭނީ އޮންނަ އުސޫލުން ވަގުތު ދީގެން ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ އެ މައްސަލައިގައި ޖެންޑާ މިނިސްޓަރު ކޮމިޓީ އަށް ހާޒިރުކުރަން ޖެހިއްޖެ ނަމަ ހާޒިރުކޮށްގެން ވެސް މައުލޫމާތު ހޯދާނެ ކަމަށެވެ.

ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 9:29 ގަ އެވެ. އޭނާ ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

ޝައިމް ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަކަށް ޖެންޑާ މިނިސްޓްރީން ފުރަމަތަމަ އެއްބަހެއް ނުވެ އެވެ. އެކަމަކު ފަހުން ބުނީ އެއީ ކުށުގެ ވެށިން ގެނައި ކުއްޖެއް ކަމަށާއި ހިޔާގައި ބަހައްޓާފައި ހުރީ އެސެސްމެންޓްތައް ހެދުމަށް ކަމަށެވެ.