އޭސީސީ މެމްބަރުންގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.


އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުންނަކީ ސެޕްޓެމްބަރު، 2014 ގައި އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުންގެ މެމްބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާނެ އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ބުނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

އޭސީސީގެ މެމްބަރު ކަމުގެ ޝަރުތަކީ އުމުރުން 25 އަހަރު ވެފައިވާ ދިވެއްސަކަށް ވުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ވޭޭތުވެދިޔަ ފަސް އަހަރު ސާބިތުވެފައި ނެތުމާއި ސިޔާސީ މަގާމެއް ނުވަތަ އިންތިޚާބީ މަގާމެއް ނުވަތަ ސަރުކާރުގެ އެހެން ވަޒީފާއެއް އަދާ ކުރަމުން ނުދިއުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމެވެ.

މީގެ އިތުރުން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވުމާއި ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައިސްފައިވާ ނަމަ، އެ ހުކުމެއް ނިމުނުތާ ފަސް އަހަރު ވެފައިވުމަކީ ވެސް ޝަރުތެކެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒް ރަޝީދާއި މެމްބަރު ސަފްވަތު މުހައްމަދާއި ޔަޒްމީދު އަހުމަދާއި އާމިނަތު މިންނާ އެވެ. އޭގެ ތެެރެއިން ލުތުފީ އާއި މުއައްވިޒް އެ ކޮމިޝަންގައި މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ މެމްބަރު ކަމުގެ ދެވަނަ ދައުރެވެ.