އެޗްޑީސީގެ ޚިޔާނާތްތައް ބަލަން އޭސީސީ ވަދެއްޖެ

ކުރީގެ ސަރުކާރުގައި ކޮރަޕްޝަންގެ "ހާއްޔެއް"ގެ ގޮތުގައި ތުހުމަތު ކުރި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅޭ ޚިޔާނާތްތަކެއް ތަހުގީގު ކުރަން އެތަނަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެ އެވެ.


އޭސީސީން ތަހުގީގުކުރާ މައްސަލަތަކުގެ ލިޔެކިޔުންތައް ހޯދަން އޭސީސީގެ ޓީމެއް މިއަދު ވެސް އެޗްޑީސީގެ އޮފީހުގައި ހަރަކާތްތެރިވި އެވެ.

އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެޗްޑީސީއާ ގުޅުން ހުރި ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފްލެޓްތަކާއި ބިންތައް ދޫކޮށްފައިވާ މައްސަލަތަކުގެ އިތުރުން އެޗްޑީސީން ހިންގި ބައެއް މަޝްރޫއުތަކުން ވެސް ދައުލަތަށް ގެއްލުންވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ނުފޫޒު ގަދަ، އިސް މަގާމްތަކުގައި އުޅުއްވި ބޭފުޅުންނަށް ހުޅުމާލެ އިން ފްލެޓާއި ބިން ދޫކުރި ކަމުގެ ޝަކުވާ ބޮޑުވި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް އިންތިޚާބުގައި ޕީޕިއެމްގެ މައި ޖަގަހަ އަކީ އެޗްޑީސީ ކަމަށް ހަދައިގެން، ކެމްޕޭނަށް މިލިއަނުން ހޭދަކުރި ކަމަށް ވެސް ތުހުމަތު ކުރި އެވެ. އެޗްޑީސީ އަށް ވަގުތީ ގިނަ މުވައްޒަފުންތަކެއް ނަގައި އެކި ހަރަކާތްތައް ބާއްވަން މިލިއަނުން ފައިސާ ހަރަދުކުރި ކަމުގެ ތުހުމަތު އެޗްޑީސީން ދޮގުކުރި އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި އެޗްޑީސީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވި އެވެ. އޭގެއިން އަރައިގަތުމަށް ނުއަގުގައި ގޯތި ވިއްކަން ވެސް ހުޅުވާލި އެވެ. އެއީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400،000ރ.ގެ މަގުން 1،000 އަކަފޫޓުގެ 400 ގޯއްޗެވެ. މިކަން ހުއްޓުވީ އޭސީސީންނެވެ.