ރިޔާސީ ކޮމިޝަންތަކުގެ ބިލް ތަސްދީގު ކުރައްވައިފި

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.


ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް އަދި ކޮރަޕްޝަންގެ ކަންކަން ބެލުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ.

އެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރު ލިބިގެންދިޔައީ އެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް އުވިދިޔަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅި އެވެ. އެކަމަކު، އެ ބިލް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވިއިރު ވެސް އޮތީ ފާސް ނުކޮށެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ވެސް މި ބިލާ މެދު ހިޔާލު ތަފާތުވުން ބޮޑުވި އެވެ.