ދަރިވަރުންނާ ބެހުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރި ޓީޗަރުގެ ބަންދަށް 10 ދުވަސް

ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުންތަކަކާ ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި ޓީޗަރު ތަހުގީގަށް ބަންދުގައި ބަހައްޓަން ކޯޓުން 10 ދުވަސް ދީފި އެވެ. ފުލުހުން ބުނީ 46 އަހަރުގެ ފިރިހެން ޓީޗަރުގެ ބަންދުގައި ބަހައްޓަން އަމުރުކުރީ ކްރިމިނަލް ކޯޓުން ކަމަށެވެ.


ފުލުސް އޮފީހުން ބުނެފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ދިވެއްސެކެވެ. މެދު ރާއްޖެތެރޭގެ ރަށެއްގެ ސްކޫލެއްގެ ފިރިހެން އަދި އަންހެން ދަރިވަރުންނަށް އެކި ދުވަސްތަކުގެ މަތިން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އެ މީހާގެ މައްޗަށް ކުރެ އެވެ.

އެއީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވާތީ އެކަން ހިންގީ ކޮން ރަށެއްގައި ކަމެއް ފުލުހުން ނުބުނެ އެވެ. ޖެންޑާ މިނިސްޓްރީން ބުނިގޮތުގައި، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ މިނިސްޓްރީންނެވެ. އަދި އެ ތަހުގީގު ކުރިއަށް ގެންދާއިރު އެ މައްސަލައިގައި ފުލުހުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާއިން ބުނެ އެވެ.

ފްލައިޓަކުން ދަތުރު ކުރި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް، ބިދޭސީ ފިރިހެން ޓީޗަރެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރި އެވެ. ގައުމީ ޔުނިވަސިޓީގެ އެ ލެކްޗަރާ މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.