ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި

ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލް ނަމުގައި މުއައްސަސާއެއް އުފެއްދުމުގެ ބާރު ލިބޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގާނޫނީ ފަންނުގެ ބިލް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


މިއީ، މިދިޔަ 18 ވަނަ މަޖިލިހުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވި ބިލެކެވެ. އެކަމަކު، އެ ފަހަރު އިންތި ހުށަހެޅުއްވީ ގާނޫނީ ހިދުމަތުގެ ބިލްގެ ނަމުގަ އެވެ. އެ ބިލަށް ބަދަލުތަކެއް ގެނެސް، މިނިވަން މުއައްސަސާ ކޮމިޓީން ފާސް ވެސް ކުރި އެވެ. ނަމަވެސް، މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓެއްގައި އެ ބިލް ވަނީ އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފަ އެވެ.

ކޮމިޓީގައި އެ ބިލް އޮއްވައި 18 ވަނަ މަޖިލިހުގެ ދައުރު ނިމުމާ އެކު، ބިލް ވަނީ ބާތިލްވެފަ އެވެ. އެކަމަކު، އިންތި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އެ ބިލް އަލުން ހުށަހަޅުއްވައިފަ އެވެ.

ޖުޑިޝަރީ ކޮމިޓީން ގެނައި ބަދަލުތަކާ އެކު ބިލް ފާސް ކުރީ 69 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލްގައިވާ ގޮތުން ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމާއި ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓްކޮށް ފިޔަވަޅު އަޅައި ބެލެހެއްޓުމާއި ގާނޫނީ ވަކީލުންނަށް އިތުރަށް ތަމްރީން ދީ ގާނޫނީ ފަންނު ތަރައްގީކޮށް ބެލެހެއްޓުމަކީ ބިލްގެ މަގްސަދެކެވެ.

ވަކީލުންގެ މަސައްކަތުގެ ދާއިރާ ކަނޑައަޅައި ހައްގުތަކާއި އިމްތިޔާޒްތައް ކަށަވަރުކޮށް، ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެންމެހައި ގަވައިދުތަކާއި އޫސޫލުތައް އެކުލަވާލައިލުން ފަދަ ކަންތައް ކުރާނީ ބާ ކައުންސިލް މެދުވެރިކޮށް ކަމަށް ވެސް އިންތިގެ ބިލްގައިވެ އެވެ.

ބިލްގައިވާ ގޮތުން ބާ ކައުންސިލަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހޯދުމާއި ލިބިގަތުމާއި ދެމިގެންވާ ގޮތަށް މުދާ ލިބިގަތުން ހިމެނެ އެވެ.

ޖުޑިޝަރީ ކޮމިޓީން ބިލަށް ގެނައި ބަދަލުގައިވާ ގޮތުން ބާ ކައުންސިލް ހިންގާނީ ބިލްގައި އެކުލަވާލާ އެގްޒެކްޓިވް ކޮމިޓީ އާއި އެ އެގްޒެކްޓިވް ކޮމިޓީން އެކުލަވާލާ ދާއިމީ ސަބް ކޮމިޓީގެ މައްޗަށެވެ. އަދި އެގްޒެކްޓިވް ކޮމިޓީ އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށް ކަމަށް ބިލްގައިވެ އެވެ.

ގާނޫނީ ފަންނުގެ ބިލް އޮތް ގޮތުން، ވަކީލުންގެ ވޯޓަކުން ޖޭއެސްސީގައި އިންނަވާ މެމްބަރު ލަތީފާގެ ދައުރު ހަމަވުމުގެ ކުރިން އޭނާގެ މެމްބަރުކަން ގެއްލެ އެވެ. ގާނޫނުއަސާސީގައި ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެމްބަރަކީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބު ކޮށްފައިވާ މެމްބަރެއް ކަމަށް ވާއިރު، ލަތީފާގެ ޖޭއެސްސީގެ މެމްބަރު ކަމުގެ އެ ދައުރު ހަމަވަނީ އަންނަ ނޮވެމްބަރު މަހަށެވެ.

އެކަމަކު ބިލުގައި އަލަށް ހިމެނި ބައެއްގައި ވަނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޖޭއެސްސީ އަށް ވަކީލުންގެ ފަރާތުން އިންތިހާބުކޮށްފައިވާ މެމްބަރު ވަކިކޮށް ދިނުމަށް ބާ ކައުންސިލްގެ ދަފްތަރުގައި ހިމެނޭ ވަކީލުންގެ 20 ޕަސަންޓު މެމްބަރުން ޕެޓިޝަނެއް ހުށަހަޅައިފި ނަމަ، އެ ޕެޓިޝަން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި އެ މެމްބަރަކު ވަކި ކުރުމާ މެދު ފެންނަ، ނުފެންނަ ވޯޓެއް ނަގަން ވާނެ ކަމަށެވެ.

ކޮމިޓީން ގެނައި ބަދަލުގައިވާ ގޮތުން އެގްޒެކްޓިވް ކޮމިޓީގައި ހިމެނޭ މެމްބަރުންގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި ރައީސާއި ނައިބު ރައީސް އާއި އެ ކޮމިޓީގެ ހަ މެމްބަރުން އިންތިހާބު ކުރާނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މީގެއިތުރުން ބަންޑާރަ ނައިބުގެ އޮފީހާއި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގެ ވަކީލުން އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ ނުކޮށް ދޫކޮށްލާ ކަންކަމާ ގުޅޭ ގޮތުން އެމީހުންގެ މައްޗަށް ބާ ކައުންސިލްގެ އިހްތިސާސް ނުހިނގާނެ ކަމަށް ބުނާ މާއްދާ ބިލުން ވަނީ އުވާލައިފަ އެވެ.