ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމުން ސިޔާސީ ވާނެ: ޖަމީލް

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުން ހިންގާ މުއައްސަސާއެއްގެ ގޮތުގައި ހަމަޖެއްސުމަކީ ޖުޑިޝަރީ ސިޔާސީ ކުރުމުގެ ފަހު ފިޔަވަޅު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.


މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އަކީ ޖޭއެސްސީގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަން ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން މިހާރު ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އެ އިސްލާހު ބުނާގޮތުން ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަކީ ވެސް ޖޭއެސްސީން އައްޔަންކުރާ މަގާމަކަށް ބަދަލުވެގެންދާނެ އެވެ.

އެކަމާ ގުޅިގެން ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑީޖޭއޭގެ ދަށަށް ޖޭއެސްސީ ގެންދިއުމުން، ޖުޑިޝަރީގެ މިނިވަންކަން ދެމެހެއްޓުމާއި ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ.

"ޖޭއެސްސީ އެކުލެވިގެންވާ ގޮތާ މެދު އަލުން ވިސްނުން ފަދަ މާ މުހިންމު ކަންކަން މިހާރު ވެސް އެބަހުރި،" ކުރިން ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި ޖަމީލްގެ ޓްވީޓްގައިވެ އެވެ.

ޖޭއެސްސީގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ސަރުކާރުން ހުށަހަޅާފައިވާއިރު، ޖޭއެސްސީން މިހާރު އަންނަނީ ސުޕްރީމް ކޯޓާއި އެހެން ބައެއް ކޯޓުތަކުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އޭގެ ތެރެއިން ފަނޑިޔާރު ޑީޑީ އާއި އިސް ގާޒީ ހަސަން މިހާރު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.