ގާޒީ ނަޖީބާއި ގާޒީ ފަހީމްގެ މައްސަލަ ޖޭއެސްސީން ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަން މިއަދު ނިންމައިފި އެވެ.


އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ގާޒީ ނަޖީބާ ގުޅޭގޮތުން ތިން މައްސަލައެއް ބަލަން އެ ކޮމިޝަންގެ މިއަދުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އަދި ގާޒީ ނަޖީބާ ގުޅޭގޮތުން ކުރިން އެ ކޮމިޝަނަށް ހުށަހެޅި، ބަލަމުންދާ ޝަކުވާތަކެއް ވެސް އެބަހުރި ކަމަށް ޒަހީން ވިދާޅުވި އެވެ.

"ކްރިމިނަލް ކޯޓުގެ ގާޒީއަކާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުރި ވާހަކަ އަޅުގަނޑުމެން ވާނީ ދަންނަވާފައި. އެއީ ވެސް ހަސަން ނަޖީބާ ބެހޭގޮތުން ހުށަހެޅިފައި ހުރި ޝަކުވާތަކެއް. އެހެންވީމަ މިވަގުތު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާ ގުޅޭގޮތުން ހުށަހެޅިފައި ހުރި ހަތް ޝަކުވާއެއް އަޅުގަނޑުމެން މިދަނީ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން." ޒަހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިވިލް ކޯޓުގެ ގާޒީ ފަހީމްއާ ގުޅޭގޮތުން އެ ކޮމިޝަނަށް ލިބިފައި އޮތީ އެންމެ ޝަކުވާ އެކެވެ. އެއީ ބަންޑާރަ ނައިބުގެ އޮފީހުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ކަމަށާއި އެކަމަށް ޚާއްސަ ކޮމެޓީއެއް ވެސް އެކުލަވާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ. އެ ކޮމެޓީގައި ތިއްބަވަނީ މެމްބަރު އަބްދުއްރައޫފް އިބްރާހިމާއި މެމްބަރު މަސްތޫރު ހުސްނީގެ އިތުރުން މެމްބަރު ހިސާން ހުސައިން އެވެ.

"ތިން ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމިޓީން މި ޝަކުވާ ތަހުގީގު ކުރަމުންދާނީ." ޒަހީން ވިދާޅުވި އެވެ.

މީގެ އިތުރުން ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބްގެ ޝަކުވާތަކެއް ބަލަމުން ދަނިކޮށް އިތުރު ޝަކުވާއެއް އައިސްފައިވާތީ އެ މައްސަލަ ވެސް ތަހުގީގު ކޮމެޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށް ޒަހީން ވިދާޅުވި އެވެ. ރާޣިބްއާ ގުޅޭގޮތުން ޖުމްލަ އަށް ޝަކުވާއެއް މިހާރު ބަލަމުންދާ ކަމަށާއި އެ ހުރިހާ މައްސަލަތަކެއް ވެސް ބަލާނީ އެއް ކޮމެޓީއަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމާ ގުޅޭ ގޮތުން އެ ކޮމިޝަނުން ކުރި ޓުވީޓު

"މި ފަހުން ކޮމިޝަންގައި މަޝްވަރާ ކުރެވި، ޝަކުވާ ބެލުމުގައި މި ގެންގުޅޭ އުސޫލަކީ އެއް ބޭފުޅަކާ، އެއް މެޖިސްޓްރޭޓަކާ ނޫނީ އެއް ގާޒީއަކާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅޭ ކަމަށް ވަންޏާ އެ ބޭފުޅަކާ ގުޅޭ ޝަކުވާތައް ބަލާ ކޮމެޓީއެއް އުފެދިފައި އޮވެއްޖިއްޔާ އެ ކޮމެޓީއަކަށް ފޮނުވައިގެން ކުރިއަށް ގެންދިއުން." ޒަހީން ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރާ ގުޅޭ ހަތަރު މައްސަލައެއް ބަލަން ވެސް ކޮޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އޭނާއާ ގުޅޭ އެހެން މައްސަލައެއް ކޮމިޝަނުން ކުރިން ވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ ނަޝީދު ސިވިލް ކޯޓަށް ބަދަލު ކުރަން ސުޕްރީމް ކޯޓުން ޖޭއެސްސީގައި އެދިފައިވާ އެދުމާ ގުޅިގެން އެކަން މިވަގުތު މަޑުޖައްސާލަން ވެސް މިއަދު ކޮމިޝަނުން ނިންމާފައިވާ ޒަހީން ވިދާޅުވި އެވެ. ސަބަބަކީ ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާ ގުޅޭ މައްސަލައެއް އެ ކޮމިޝަނުން މިހާރު ބަލަމުންދާތީ އެކަން ވަކި ގޮތަކަށް ނިމެންދެން ކަމަށް ޒަހީން ވިދާޅުވި އެވެ.

އަދި، ކްރިމިނަލް ކޯޓަށް އިތުރު ދެ ފަނޑިޔާރުން އައްޔަން ކުރަން ސުޕްރީމް ކޯޓުން ޖޭއެސްސީގައި އެދިފައިވާތީ އެގޮތަށް އެ ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ. އެހެންވެ، އެ ދެ މަގާމަށް ކުރިމަތިލާން މާދަމާ ހުޅުވާލާނެ ކަމަށް ޒަހީން ވިދާޅުވި އެވެ.