ޝައިމްގެ މައްސަލައިގައި ޝިދާތާ ހާޒިރުކުރި ކޮމިޓީ ސިއްރުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ގެ މައްސަލައިގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ޖަވާބުދާރީ ކުރުވުމަށްޓަކައި އޭނާ ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގެ ބައްދަލުވުން މިރޭ ސިއްރުކޮށްފި އެވެ.


މަޖިލީީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީން ވަނީ ޝައިމް ގެއްލުނު މައްސަލަ ދިރާސާކުރަން މިރޭ 8:00 އަށް އެޖެންޑާކޮށްފަ އެވެ. ޝިދާތާ ހާޒިރުކުރީ 9:00 އަށެވެ. ނަމަވެސް ކޮމިޓީގެ ބައްދަލުވުން ފެށުމާ އެކު، އެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ފާސްކުރީ އެވެ.

ކުޑަކުދިންގެ ހިޔާގައި ހުއްޓާ ޝައިމް 14، ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހެވެ. އެ ކުއްޖާ ހޯދުމަށް ފުލުހުން ތިން ގެއެއް ބަލައި ފާސްކޮށްފައިވާއިރު އަދި ވެސް އޭނާއާ ގުޅޭ މައުލޫމާތެއް ނުލިބެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޝައިމް ހޯދުމަށްޓަކައި ބައެއް ސީސީޓީވީ ފުޓޭޖުތައް ވެސް ވަނީ ބަލައިފަ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ޖެންޑާ މިނިސްޓަރު ޝިދާތާ މިރޭ ހާޒިރުކޮށް ކުރިއަށްގެންދާ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: މަޖިލިސް

އެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ، ޝައިމް ގެއްލުނީ ބަލަންވާ ވަރަށް ނުބެލުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޝައިމް ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް ޖެންޑާ މިނިސްޓްރީން ފުރަތަމަ އެއްބަހެއް ނުވި އެވެ. އެކަމަކު މީޑިއާގެ ފިއްތުންތަކާ ހެދި ފަހުން ބުނީ އެ ކުއްޖާ ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "އަމާން"ގެ ކޮމްޕައުންޑުގެ ތެރެއިން ކަމަށެވެ. އެއީ ކުށުގެ ވެށިން ގެނައި ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހަދަން ކަމަށާއި އެއީ ހިޔާގެ ދަފްތަރުގައި އޮތް ކުއްޖެއް ނޫން ކަމަށް ވެސް ބުންޏެވެ.