ކޮމަންވެލްތު މެމްބަރަކަށް ވާން ރާއްޖެ އަށް އެއްބާރުލުން ދޭނަން: އޮސްޓްރޭލިއާ

ކޮމަންވެލްތާ ރާއްޖެ އަލުން ގުޅުމަށް އޮސްޓްރޭލިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ގައުމުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހެލީ މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖެ އާއި އޮސްޓްރޭލިއާ ސިޔާސީ ގުޅުން ގާއިމުކުރިތާ 45 އަހަރު ފުރުމާ ދިމާކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޭވިޑް ހެލީ ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހިވެގެން ދިޔައީ ވަރަށް ބިނާކުރުވަނިވި ގޮތަކަށް ކަމަށެވެ. އޮސްޓްރޭލިއާ އަކީ މިނިވަންކަމާއި ދެފުށްފެންނަ ގޮތަށް ކަންކަން ކުރަން ތަރުހީބުދޭ ގައުމަކަށް ވާއިރު ރާއްޖޭން ވެސް އެ ފިޔަވަޅު މަތީގައި ތިބުމަށް އާ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް މަރުހަބާ ކިޔާފައިވެ އެވެ.

ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އެގޮތަށް ނިންމީ ކޮމަންވެލްތުން ރާއްޖެއާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށާއި ދާހިލީ ކަންކަމުގެ ތެރެއަށް އެ ޖަމާއަތުން ވަންނަކަމަށް ބުނެ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް ހުށަހަޅައިފަ އެވެ. ރާއްޖޭގެ ހާލަތު ބެލުމަށް އެ ޖަމާއަތުގެ ވަފުދުން ޒިޔާރަތް ވެސް ކޮށްފައިވެ އެވެ.

އޭނާ ވިދާޅުވީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ މެމްބަރެއްގެ ގޮތުގައި، ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރާއްޖެ އަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްޓްރޭލިއާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީ ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: ފޮރިން މިނިސްޓްރީ

އޮސްޓްރޭލިއާ އިން ރާއްޖެ އަށް ސްކޮލަޝިޕް ދެމުން އަންނަތާ މިހާރު 55 އަހަރު ވެއްޖެ އެވެ. އެ ފުރުސަތުގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ދިވެހިން ވަނީ މަތީ ތައުލީމް ހާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް ވެރިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޑޭވިޑް ވިދާޅުވީ މިއަހަރު ވެސް އެ ސްކޮލަޝިޕްގެ ފުރުސަތުތައް އޮންނާނެ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސްކޮލަޝިޕާއި އިންސާނީ ވަސީލަތް ތަރައްގީކުރަން 10.8 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ގައުމީ ތަރައްގީގެ ޕްލޭނާއި ޔޫއެންޑީޕީއާ ގުޅިގެން ހިންގާ އެކި މަސައްކަތްތަކަށް 31 މިލިއަން ޑޮލަރު ދޭން ޕާޓްނަޝިޕް ފޯރަމްގައި އެއްބަސްވެފައިވާކަމަށް ވިދާޅުވި އެވެ.

ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ވިދާޅުވީ ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުމަށް 45 އަހަރު ފުރުމަކީ ކާމިޔާބީއެއް ކަމަށެވެ.

އޭނާ ވިދާޅުވީ އޮސްޓްރޭލިއާ އަކީ ރާއްޖޭގެ އިޖުތިމާއީ ކުރިއެރުމުގައި ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. ހާއްސަކޮށް އިންސާނީ ވަސީލަތް ގާއިމްކުރުމާއި އެ ގައުމުން ދެމުން އަންނަ ސްކޮލަޝިޕްތައް ފާހަގަކުރެއްވި އެވެ.

އޮސްޓްރޭލިއާ އިން ރާއްޖެ އަށް ސްކޮލަޝިޕް ދެމުން އަންނަތާ މިހާރު 55 އަހަރު ވެއްޖެ އެވެ. އެ ފުރުސަތުގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ދިވެހިން ވަނީ މަތީ ތައުލީމް ހާސިލްކޮށްފަ އެވެ. ފޮރިން ސެކްރެޓަރީ ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމާއި ސެކިއުރިޓީ ވަރުގަދަކުރުމާއި ގުޑް ގަވަނަންސް މަސައްކަތްތަކަށް ވެސް އޮސްޓްރޭލިއާ އިން އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.