މައްސަލަ ބަލަން ޓޫރިޒަމް މިނިސްޓަރު މަނަފަރަށް

ހިންގުމުގެ ހަރަދުތައް ކުޑަކުރަން ކަމަށް ބުނެ މަނަފަރު ރިސޯޓުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމި މައްސަލައާ ގުޅިގެން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ރިސޯޓަށް މިއަދު ވަޑައިގަންނަވަން ނިންމައިފި އެވެ.


ޓޫރިޒަމް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލަން އެ މިނިސްޓްރީގެ ޓީމެއް މިިއަދު އެ ރިސޯޓަށް ދާނެ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަން މިނިސްޓަރާ އެކު އެ ރިޒޯޓަށް ދާނީ ހައެއްކަ މީހުންގެ ޓީމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި ދަތުރާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަން އެކަމަށް ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރު ބޭއްވުމަށް އެ މިނިސްޓަރީން ވަނީ ނިންމައިފަ އެވެ.

ހއ. މަނަފަރުގައި ހިންގާ ރިސޯޓުގެ މުވައްޒަފުންތަކެއް ވަކިކުރާނެ ކަމަށް އެތަނުގެ މުވައްޒަފުންނަށް އެންމެ ފުރަތަމަ އެންގީ މިދިޔަ އަންގާރަ ދުވަހެވެ. އެތަނުގެ ޖެނެރަލް މެނޭޖަރު ވްލަޑް ރަޔެސް ސޮއިކުރައްވާފައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ހައުސް ކީޕިން ޑިޕާޓްމެންޓުގެ މުވައްޒަފުންތަކެއް ކަނޑާލަން ނިންމަވާފައިވާ ކަމަށެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެ، މިނިސްޓަރުގެ ސަމާލު ކަމަށް އައުމުން މިނިސްޓަރު ވިދާޅުވީ މި މައްސަލަ އެ މިނިސްޓްރީން އަންނަނީ ބަލަމުން ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ކރެއްވި ޓްވީޓެއް

"މަނަފަރު ކޭސް ޓޫރިޒަމް މިނިސްޓްރީން މިދަނީ ގާތުން ބަލަމުން. ރިޒޯޓު މުވައްޒަފުންނާއި މެނޭޖްމެންޓުގެ ހައްގުތައް ކަށަވަރުކުރުމުގައި މި ސަރުކާރުން ފަހަތަކަށް ނުޖެހޭނެ،" މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތުކުރާ ޓޫރިޒަމް އެމްޕްލޯޔާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ނައިބު ރައީސް މުހައްމަދު ސޯދިގު (ޖެރީ) ވިދާޅުވީ މި މައްސަލައިގައި މަނަފަރު މުވައްޒަފުންނާ އެކު ވަރަށް ގާތުން އެ ޖަމިއްޔާއިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެ ރިސޯޓުގެ މުވައްޒަފުންތަކެއް ކަނޑާލަން މެދުވެރިވާ ހާލަތެއް އެތަނަށް އައިސްފައިނުވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި މީހަކު ކުރި ޕޯސްޓެއް

އެ ރިސޯޓުން ކަނޑާލަން ނިންމާފައިވާ މީހުންގެ ލިސްޓެއް ރިސޯޓުން އެކުލަވާލާފައިވާ ކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ލިސްޓުގައި 70 އެއްހާ މީހުން ހިމެނޭ އިރު، މިހާތަނަށް ހަ މުވައްޒަފަކު ވަޒީފާއިން ކަނޑާލަން ސިޓީ ފޮނުވާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިސޯޓުގެ މެނޭޖްމެންޓާއި މުވައްޒަފުންނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރުމަށް އެ ޖަމިއްޔާގެ ޓީމެއް ރިސޯޓުގެ ޖީއެމްއާ އިއްޔެ ބައްދަލުކުރި ކަމަށް ވެސް ޖެރީ ވިދާޅުވި އެވެ. ނަމަވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ޖީއެމްގެ އެއްބާރުލުމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީމުން އެދެނީ އެ ރިސޯޓުން މުވައްޒަފުންތައް ކަނޑާލަން ނިންމީ ކޮން ސަބަބަކާ ހުރެ ކަން އާންމު ކުރުމެވެ. އަދި ރިސޯޓުން މުވައްޒަފުންތަކެއް ކަނޑާލާ ނަމަ ދިވެހިންގެ ވަޒީފާތައް ހިމާޔާތްކުރަން އިސްކަމެއް ދޭން ވެސް އެތަނުން އެދިފައި ވެ އެވެ.

މީގެ ފަސް އަހަރު ކުރިން މަނަފަރުގައި ހުޅުވި އެ ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ. އެތަނުގައި 330 ވަރަކަށް މުވައްޒަފުން މަސައްކަތްކުރާ އިރު، އޭގެ ތެރެއިން 54 ޕަސެންޓަކީ ދިވެހި މުވައްޒަފުން ކަމަށް ޖެރީ ވިދާޅުވި އެވެ.