ޣިޔާސުއްދީން ސްކޫލުގެ ޓްރައިތެލޯން: ތަފާތު ހަރަކާތެއް!

ޣިޔާސުއްދީން ސްކޫލުން ފުލް ގިޔަރުގައި ތައްޔާރުވަމުން އަންނަނީ އެ ސްކޫލުގެ 10 ވަނަ އަހަރީ ދުވަހަށެވެ. އެ ދުވަހުގެ މުނާސަބާ ފާހަކުރަން ބައެއް ހަރަކާތްތަކެއް މިހާރު ވެސް ވަނީ ބާއްވައިފަ އެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު އޮތް ބޭއްވި ޓްރައިތެލޯން އިވެންޓް ވަރަށް ތަފާތެވެ.


ރާއްޖޭގެ ސްކޫލުތަކުގައި ބައިސްކަލް ރޭހާއި ދުވުމާއި ފެތުމުގެ ހަރަކާތްތައް ބޭއްވި ނަމަވެސް އެ ހަރަކާތްތައް އެއްކޮށް، ޓްރައިތެލޯނެއްގެ ގޮތުގައި މީގެ ކުރިން ސްކޫލެއްގައި ބޭއްވިކަމެއް އެނގިފައެއް ނުވެ އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި ގޮތުގައި ސްކޫލުގެ އެކި ގްރޭޑުތަކުގެ ދަރިވަރުންނާ އެކު މި އިވެންޓުގައި 200 ޓީމު ބައިވެރިވި ކަމަށެވެ. ކޮންމެ ޓީމެއްގައި ހިމެނުނީ ތިން ބައިވެރިންނެވެ. އެއީ ދަރިވަރަކާއި ބެލެނިވެރިއެއްގެ އިތުރުން އާއިލީ އެހެން މެމްބަރެކެވެ.

ޣިޔާސުއްދީން ދަރިވަރުންގެ ޓްރައިތޮލަންގެ ތެރެއިން.-- ފޮޓޯ: ޣިޔާސުއްދީން ސްކޫލު

ޓްރައިތެލޮންގައި އެއިން ކޮންމެ ބައިވެރިޔަކު ވެސް އެ ތިން ހަރަކާތް ފުރިހަމަކުރަން ޖެހެ އެވެ. ނަމަވެސް ޣިޔާސުއްދީނުން ބޭއްވީ މުޅި ޓީމަށް ބަހާލައިގެން ފުރިހަމަކުރާ ގޮތަށެވެ. އެހެންވެ މި އިވެންޓް ވެގެން ދިޔައީ ހުރިހާ ގޮތަކުން ވެސް ތަފާތު އިވެންޓަކަށެވެ.

"ޓީމު މަސައްކަތެއްގެ ގޮތުގައި އެކަން ކުރިއަށްގެންދިޔައީ. މިސާލަކަށް ދަރިވަރަކު ފެތުމުގައި ބައިވެރިވަންޏާ، ދެން ހުރި މެމްބަރަށް ދުވުމުގައި ބައިވެރިވެވޭނެ. އަނެއް މެމްބަރު ބައިވެރިވާނީ ބައިސްކަލް ދުއްވުމުގައި. ވަރަށް މަޖާ މާހައުލެއްގައި އެކަން ކުރިއަށްގޮސްފައިވަނީ،" ތޯހާ ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލުގެ ޓްރައިތޮލަންގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް

ތޯހާ ވިދާޅުވީ ވާދަވެރި މުބާރާތަކަށް ވުރެ ބޮޑަށް އެކަން ކުރިއަށްގެންދިޔައީ ގުޅުން ބަދަހިކޮށް އެއްތަނަކުން ބައްދަލުވެލުމުގެ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. ސްކޫލުގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 10 ޓަނުގެ ކުނި ހޮވުން ވެސް އޮތެވެ. މީގެ އިތުރުން އަންނަ މަހުގެ 12 ވަނަ ދުވަހު ސްކޫލުގެ ޕެރޭޑެއް ވެސް ބާއްވާނެ އެވެ.

ސަރުކާރުން 1999 ވަނަ އަހަރު ހުޅުވި މި ސްކޫލް، ޕްރައިވަޓައިޒޭޝަންގެ އުސޫލުން އިންޑިއާގެ ސްރީ އެޑިއުކެއާއާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އެ ކުންފުންޏާ ހަވާލުކޮށް، އިންޓަނޭޝަނަލް ފެންވަރުގައި ޣިޔާސުއްދީން ހިންގާތާ 10 އަހަރު ފުރޭނީ އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހަށެވެ.