ރާއްޖެ ސަލާމަތް ކުރަން ޖެހޭ، އެ މަސައްކަތް މި އަންނަނީ ކުރަމުން: ނަޝީދު

ރާއްޖެ ސަލާމަތްކުރަން ޖެހޭ ކަމަށާއި އިދިކޮޅު އިއްތިހާދުން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ނަޝީދު ކުރެއްވި ޓުވީޓެއްގައި ރާއްޖެ ސަލާމަތްކުރަން ޖެހޭ ކަމަށް ވިދާޅުވެފައި މިވަނީ، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ތަހުގީގުކޮށް އަލް ޖަޒީރާ އިން ޑޮކިއުމެންޓްރީއެއް އާއްމުކޮށްފައި ވަނިކޮށެވެ. އެ ޑޮކިއުމެންޓްރީގައި ނަޝީދު ވެސް ވަނީ ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުކެއްކުރައްވައި ވެރިކަން ކުރައްވާ ގޮތާ މެދު ފާޑުވިދާޅުވެފަ އެވެ.

ރާއްޖެ ސަލާމަތްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއަސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ. އެއާވިދިގެން ދެން ވިދާޅުވީ އިތުރު ހިތްވަރާއެކު މިރޭ އަނެއްކާ ވެސް ނުކުތުން މުހިއްމު ކަމަށެވެ. ނަމަވެސް އެ ވިދާޅުވި ވާހަކަފުޅުގެ ވެސް ތަފްސީލެއް ނުދެއްވަ އެވެ.

ނަޝީދު ކުރެއްވި ޓުވީޓް.

ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް އިންތިގާލީ ސަރުކާރެއް ގާއިމްކުރަން އިނގިރޭސިވިލާތުގައި އުޅުއްވާ އިއްތިހާދުގެ އިސް ބޭފުޅުން ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެ ހަރަކާތުގައި ވަރަށް ފަހުން، ނަޝީދު ސްރީ ލަންކާ އަށް ވެސް ވަޑައިގެންނެވި އެވެ.

އެ ދަތުރުފުޅުގެ މާބޮޑު ތަފްސީލެއް މިހާތަނަށް ދެއްވާފައި ނުވި ނަމަވެސް އިންޑިއަން އެކްސްޕްރެސް ނޫހަށް އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީނަށް އިތުރަށް ދެން ވެރިކަން ދިފާއު ނުކުރެއްވޭނެކަން ވަނީ ސާފުވެފަ އެވެ. އެހެންވެ އިންތިގާލީ ސަރުކާރެއް ގާއިމްކުރަން ޖެހޭ ކަމަށް ވަނީ ވިދާޅުވި އެވެ.

ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ނަޝީދު ލަންކާ އަށް ވަޑައިގަތީ ހިމާޔަތް ދީފައި ތިބޭ މީހުންނަށް ދޫކުރާ ހާއްސަ ޕާސްޕޯޓެއްގަ އެވެ. އެކަމަކު ލަންކާގައި ހުންނަވަނިކޮށް ނަޝީދު ހައްޔަރުކުރަން ރާއްޖޭން ކޯޓު އަމުރެއް ވެސް ނެރުނެވެ. އެ އަމުރު ނެރުނު ބޭފުޅުންގެ ތެރޭގައި ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުގެ އިތުރުން، އެ ދެ ބެފުޅުންނާ އެކު ލަންޑަނުގައި ދިރިއުޅުއްވާ އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އިދިކޮޅު ލީޑަރުން ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކުރަން މަސައްކަތް ކުރައްވާއިރު މަދު ހަފުތާތަކެއްގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސަރުކާރަށް ފާޑުކިޔާ ބޭރުގެ މީޑިއާތަކުގައި ވަނީ ގިނަ ލިއުންތަކެއް ޝާއިއުކުރަން ފަށާފަ އެވެ.

ނަމަވެސް ސަރުކާރު ނުވެއްޓޭނެ ކަމަށާއި ސަލާމަތީ ބާރުތަކުގެ އިތުރަށް މުޅި ސަރުކާރު ވެސް އޮތީ ވަރުގަދަކޮށް ކަމަށް ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.