ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމަށެވެ.
އެގޮތަށް ހުށަހެޅި ސަބަބެއްގެ ގޮތުގައި އެ ބިލުގައިވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް ބަދަލު ކުރުމަށެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އިއްވައިފަ އެވެ.
ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ފަނޑިޔާރުންގެ ބެންޗް ކުޑަ ކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 2014 ގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރި އެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.