2025 އިން ފެށިގެން ޕްލާސްޓިކް މަނާ ކުރަން މަޖިލިހުން ގަރާރެއް ފާސްކޮށްފި

އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް 2025 އިން ފެށިގެން ބޭނުންކުރުން މަނާ ކުރަން ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންގެ އިއްތިފާގުން ގަރާރެއް މިއަދު ފާސްކޮށްފި އެވެ.


ދުނިޔޭގެ އެހެން ގައުމުތަކުގައި ޕްލާސްޓިކް މަދުކުރަން ކުރި ބައެއް މަސައްކަތްތަކާއި ޕްލާސްޓިކުން ލިބޭ ގެއްލުންތަކުން މިސާލު ނަގައި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީ އަށް އިލްތިމާސެއް ހުށަހެޅީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން އިސްވެ ތިބެ އެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ދަރިވަރުންތަކެއް މަޖިލީހަށް ހުށަހެޅުމެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. މިކަމުގައި 17 ސްކޫލަކުން ބައިވެރިވި އެވެ. އެކަމަކު، އެންވަޔަރަމަންޓް އެންޑް ކަލައިމެޓް ކޮމިޓީން ވަނީ އެ ހުށަހެޅުން ދިރާސާ ކުރުމަށް ފަހު، ގަރާރެއް އެކުލަވާލައި މަޖިލިހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

އެގޮތުން މި ގަރާރު މަޖިލިހުން ފާސް ކުރީ 64 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހެޅި ގަރާރުގައި ވަނީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ މަސްވެރިކަމާއި ޓޫރިޒަމް ބިނާވެފައި ވަނީ ރާއްޖޭގެ އެއްގަމާއި މޫދުގެ ދިރުންތައް ދެމެހެއްޓުމުގެ މައްޗަށާއި ސާފު ގުދުރަތީ ވެށި ކުނި ބުނިން ސަލާމަތްކޮށް، ފަރުތަކާއި ކަނޑު ފަޅުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ މައްޗަށް ކަމަށެވެ. ރާއްޖޭގެ ނާޒުކު ވެއްޓަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ކުނީގެ ގޮތުގައި އެއްފަހަރު ބޭނުކޮށް އުކާލެވޭ ޕްލާސްޓިކް ބާވަތްތައް ފާހަގަވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.

އެހެންވެ، ގަރާރުގައި ވަނީ އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅި އާއި ޕްލާސްޓިކް ހޮޅި ވިޔަފާރިތަކުގައި ބޭނުން ކުރުން ހުއްޓުވުމަށް ބާރު އެޅުމަށެވެ. އަދި އެފަދަ ބާވަތްތައް އާންމުން ބޭނުން ކުރުމުން ދުރު ކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ގޮވާލާފައިވެ އެވެ.

ކުނިތަކެއްގެ ތެރޭގައި ޕްލާސްޓިކް ފުޅިތަކެއް. --- ފޮޓޯ: މިހާރު

މީގެއިތުރުން އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަދު ކުރަމުން ގޮސް 2024 ގެ ނިޔަލަށް އެ ފަދަ ފުޅި ރާއްޖެ އިން މަނާ ކުރުމަށް ގަރާރުގައި އެދުނެވެ. އަދި ޕްލާސްޓިކް ހޮޅި އާއި ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ކޮތަޅު 2020 ގެ ނިޔަލަށް ރާއްޖޭގައި މަނާ ކުރުމަށް ވެސް މަޖިލިހުން ފާސް ކުރި ގަރާރުގައި އެދިފައިވެ އެވެ.

ގަރާރުގައި އެދިފައި ވަނީ 2025 ވަނަ އަހަރުން ފެށިގެން އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ބާވަތުގެ ޕްލާސްޓިކް ބޭނުން ކުރުން ރާއްޖޭގައި މަނާ ކުރުމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ތަކެތި ކުރިއެރުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރު އެޅުމަށް ވެސް ގަރާރުގައި ހިމަނާފައިވެ އެވެ.

ގަރާރު ނިންމާލަމުން ބުނެފައި ވަނީ ލަނޑުދަނޑިތައް ތާރީޚުތަކަށް ހާސިލް ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ކުރަން ޖެހޭ މަސައްކަތުގެ މުހިންމު ކަން ފާހަގަކޮށް، އެ މުއައްސަސާތަކުން އެ ކަންކަން ކުރުމަށް ވެސް ގޮވާލައިފަ އެވެ.

މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީގެ ރިޕޯޓަށް މެމްބަރުން ބަހުސް ކުރައްވަމުން ގެންދެވި އިރު، ބައެއް ސްކޫލްތަކުގެ ދަރިވަރުން މަޖިލިހުގެ ގެލަރީގައި އަޑު އަހަން ތިއްބެވެ. އަދި މަޖިލިހުން އެ ރިޕޯޓު ފާސް ކުރުމާ އެކު، އެ ކުދިންގެ މޫނު މަތިން ހިނިތުންވުން ފެނިގެން ދިޔަ އެވެ. އަދި މެމްބަރުންގެ ނިންމުމަށް މަރުހަބާ ދެންނެވުމުގެ ގޮތުން އަތްތިލަ ބަޑި ޖެހި މަންޒަރު ވެސް ފެނުނެވެ.