ވަކިން ސިނގިރޭޓު ވިއްކާތޯ ބަލައި ފާސްކުރަނީ

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް އަމަލުކޮށް، ވަކިން ސިނގިރޭޓު ވިއްކާތޯ ބެލުމަށް، ވިޔަފާރި ކުރާ ތަންތަން ބަލާ ފާސްކުރަން ނިންމައިފިި އެވެ.


އެ ގަވައިދުގެ ދަށުން ވަކި ސިނގިރޭޓު ވިއްކުން މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ވަނީ މަނާކޮށްފަ އެވެ. އަދި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމުގެ ބައި ތަންފީޒުކުރަން ހަމަޖައްސާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ގަވައިދަށް އަމަލު ކުރާ މިންވަރު ދެނެގަތުމަށް އެ މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން އިދާރާތަކުން ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެކަން ފަށާ ދުވަހެއް މިނިސްޓްރީ އަކުން ނުބުނެ އެވެ.

އެތަނުން ބުނިގޮތުގައި އެ އޮޕަރޭޝަނުގެ ދަށުން، ވިޔަފާރި ކުރާ ތަންތަނުން ދުންފަތުގެ ބާވަތްތަކުގެ ވިއްކާގޮތުގެ މަޢުލޫމާތު ހޯދާނެ އެވެ. އަދި ބޭނުންވާ ހާލަތްތަކުގައި، އިތުރު މައުލޫމާތު ހޯދުމަށް އެ ފަދަ ތަންތަން ވަގުތީ ގޮތުުން ބަންދު ކުރާނެ ކަމަށް ވެސް ބުންޏެވެ.

"ވީމާ، މިކަން އާންމުކޮށް ހުރިހާ ފަރާތްތަކުގެ އަދި ވަކިން ހާއްސަކޮށް ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މި އޮޕަރޭޝަންތައް ކުރިޔަށްދާއިރު ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުމަކީ ވަރަށް ބޮޑު އެދުމެކެވެ." އިއުލާނުގައި ބުނެފައި ވެ އެވެ.

ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދުގައި ބުނެފައިވާ ގޮތުން، ގަވާއިދާ ހިލާފުވާ ފަރާތްތައް އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5،000ރ. އަދި ތިން ވަނަ ފަހަރަށް، 10،000ރ. އިން ޖޫރިމަނާކޮށް، ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.