އަލް ޖަޒީރާ ޑޮކިއުމެންޓްރީ ގައި ހުރީ ދޮގު، އިންވެސްޓަރުންގެ އިތުބާރު އެބައޮތް: އިކޮނޮމިކް މިނިސްޓްރީ

ރާއްޖެއާ ގުޅޭ ގޮތުން އަލް ޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީގައި ހުރީ ސާބިތު ނުހިފޭ ވާހަތަކެއް ކަމަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ރޭ ބުނެފި އެވެ.


އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ދިވެހި އަދި ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވެ، ރާއްޖެ އަންނަ ބޭރުގެ އިންވެސްޓްމަންޓްތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށް، ހަރުދަނާ ކުުރުމަށް ސަރުކާރުން އަޅާފައިވާ މުހިއްމު ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"ރާއްޖެއާ ބެހޭ ގޮތުން ދޮގު މައުލޫމާގު ފަތުރައިގެން ރާއްޖޭގެ ނަން ކިލަނބުކޮށް، ރާއްޖޭގެ އިގްތިސާދަށް ގެއްލުން ދިނުމަށް ކުރަމުންދާ މަސައްކަތްތައް،" އަލް ޖަޒީރާއިން ދެއްކި "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭން ގެންގުޅެނީ ހުޅުވާލެވިފައިވާ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ އިންވެސްޓްމަންޓް ޕޮލިސީއެކެވެ. ވިޔަފާރިތަކާއި އިންވެސްޓްމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ހަރުދަނާ ނިޒާމުތައް ރާއްޖޭގައި ގާއިމްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ އިގްތިސާދު އޮތީ، އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، ރަނގަޅު ފައްތަރެއްގަ އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަނެ، ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިން ފުރަތަމަ ފަހަރަށް ރާއްޖެ އަށް ކްރެޑިޓް ރޭޓިންއެއް ދީފައިވާ އިރު، އިގްތިސާދު ރަނގަޅުކަން އެއިން ވެސް ހާމަވެފައިވާކަން މިނިސްޓްރީން ފާހަގަކުރި އެވެ.

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް"ގައި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވަގަށް ނެގި ފައިސާ ސީދާ ރައީސަށް ލިބިވަޑައިގެންނެވި ކަމަށް ބުނެފައިވެ އެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައި 1.5 ބިލިއަން ޑޮލަރު (23 ބިލިއަން ރުފިޔާ)ގެ މަނީ ލޯންޑްރިން ސްކީމެއް ބޭރުގެ ވިޔަފާރިވެރިންތަކަކާ ގުޅިވަޑައިގެން ހިންގަވަން އުޅުއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި އެމްއެމްއޭއިން ބުނެފައިވަނީ މަނީ ލޯންޑްރިންގެ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.