ލުތުފީ ގެންނަން 2.5 މިލިއަން ރުފިޔާ ދައްކާކަށް ނުޖެހޭ: ރައީސް

އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން ސްރީ ލަންކާގައި ދިރިއުޅުނު އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެންނަން އެ ގައުމުގެ ސަރުކާރަށް، ދިވެހި ދައުލަތުން 2.5 މިލިއަން ރުފިޔާ ދައްކަން ނުޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ނުވަ އަހަރު ފިލައިގެން އުޅެފައި މިދިޔަ މެއި މަހުގެ 1 ގައި ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔަ ލުތުފީ ރާއްޖެ ގެނައުމަށް 2.5 މިލިއަން ރުފިޔާ ލަންކާގެ ސަރުކާރަށް ދައްކަން ޖެހިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީޕީއެމުން ވަނީ ބުނެފަ އެވެ. އެއީ ވިސާ ނެތި އެ ގައުމުގައި ދިރިއުޅެފައިވާތީ ޖޫރިމަނާއެއްގެ ގޮތުން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގައި، މިއަދު ގާތްގަނޑަކަށް ދެ ގަޑިއިރަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނަ ސުވާލުތައް ރައީސަށް އަމާޒުކުރީ ލުތުފީ މައްސަލައިގަ އެވެ. ޕީޕީއެމުން ތުހުމަތު ކުރި ވަރުގެ ޖޫރިމަނާއެއް ލުތުފީ ގެނައުމަށް ލަންކާ ސަރުކާރަށް ދައްކަން ޖެހޭތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ވިދާޅުވީ އެއީ ރަނގަޅު އަދަދެއް ނޫން ކަމަށެވެ.

ވިސާ ނެތި ލުތުފީ ފިލައިގެން އުޅުމުން ދައްކަން ޖެހިފައި ވަނީ ގާތްގަނޑަކަށް 3،500 ޑޮލަރު (53،000ރ.) ކަމަށް ވިދާޅުވި އެވެ. އެ ފައިސާގެ އިތުރުން ލުތުފީ ރާއްޖެ ގެނައުމުގެ ޓިކެޓަށް ޚަރަދު ކުރާނީ ވެސް ދިވެހި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ލުތުފީ ސިލޯނުގައި އެ ހުރީ ވިސާއެއް ނެތި. އޯވަ ސްޓޭގައި. އެހެންވީމަ ވިސާ އަށް ދައްކަން ޖެހޭ 3،500 ޑޮލަރު ސަރުކާރުން ދައްކާނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ، ރައީސް ވިދާޅުވި ގޮތުގައި، އެ ފައިސާ ދެއްކުމަށް ފަހު ވެސް ދިވެހި ރައްޔިތުން އެދޭ ގޮތަށް ލުތުފީ މާލެ ގެނެސް ހުކުމް ތަންފީޒުކުރަން ޖަލަށް ލުމެވެ. އިއްޒަތްތެރިއެއްގެ ފެންވަރުގައި ލަންކާގެ އެމްބަސީގައި ލުތުފީ ބަހައްޓާފައިވާ ތުހުމަތުތައް ވެސް ދޮގު ކުރައްވައި ރައީސް ވިދާޅުވީ މެއި 1 ވަނަ ދުވަހުން ފެށިގެން ލުތުފީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލުތުފީ ގެންނަން ކުރި މަސައްކަތް ނާކާމިޔާބުވިޔަސް މި ސަރުކާރުގައި ފިލުމުގެ ފުރުސަތެއް ލުތުފީ އަކަސް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވެސް ސިފަކުރެއްވި ގޮތުގައި ލުތުފީ އަކީ މި ގައުމުގެ އެންމެ ބޮޑު އެއް ޚާއިނެވެ. އޭނާ އަށް މާފެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

ލުތުފީ އެމްބަސީ އަށް ދިޔަކަން ސަރުކާރުން އާއްމުނުކޮށް ލަސްވީ، ރައީސް ވިދާޅުވި ގޮތުގައި، އެއަށް ވުރެން އޭނާ ގެނައުން ސަރުކާރަށް މުހިއްމު ވުމުންނެވެ. ލަންކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ބޭނުންވާ ލިއުން ކޮންމެ ވަގުތަކު ވެސް ލިބިދާނެ ކަމަށާއި އެއާއެކު އޭނާ މާލެ ގެންނާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވި އެވެ.