އޭސީސީގެ ނައިބު ރައީސަކަށް މިންނާ ހޮވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސަކަށް އައިމިނަތު މިންނާ މިއަދު އިންތިހާބުކޮށްފި އެވެ.


އޭސީސީގައި ހުންނެވި ހަމައެކަނި އަންހެން މެމްބަރު، އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހޮވީ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. މިންނާ އާއި އެ ކޮމިޝަންގައި މިހާރު ތިއްބެވި ގިނަ މެމްބަރުންގެ މަގާމުގެ މުއްދަތު ދެ މަސް ފަހުން ހަމަވާނެ އެވެ.

އޭސީސީގެ ޓުވީޓު

އޭސީސީގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުއައްވިޒް ރަޝީދު އެ ކޮމިޝަންގެ ރައީސްކަމަށް މިދިޔަ ބުރާސްފަތި ދުވަހު އިންތިހާބު ކުރުމުންނެވެ. އޭސީސީގެ ރައީސަކަށް މުއައްވިޒް އިންތިހާބު ކުރީ، އެ މަގާމުގައި ކުރިން ހުންނެވި ހަސަން ލުތުފީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމުންނެވެ.

ލުތުފީ އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައި އެކަން ތަޅުމަށް ފޮނުވާ ގޮތަށް ހަމަޖައްސާފައި ވަނިކޮށެވެ. އެކަމަކު ލުތުފީ އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގައި ދެން އެކަން ކުރިއަކަށް ނުގެންދާނެ އެވެ.

ނުފޫޒެއްގެ ދަށުވެ މަގާމުގެ ޒިންމާ އަދާކުރެއްވިކަމުގެ ތުހުމަތާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ލުތުފީ އިސްތިއުފާ ދެއްވީ ކޮމިޝަންގެ ވަޒީފާ އަށް ނުނިކުންނަވައި ހަ މަސް ދުވަހު ހުންނެވުމަށް ފަހު އެވެ.