ރާއްޖޭގެ އިގްތިސާދު މި އަހަރު ވެސް ކުރިއަރާނެ: ގަވަރުނަރު

ރާއްޖޭގެ އިގުތިސާދީ ދުވެލި މި އަހަރު ކުޑަކޮށް މަޑުޖެހިލާނެ ކަމަށް ކުރިން ލަފާކުރެވުނަސް އިގުތިސާދު މި އަހަރު ވެސް ފާހަގަކޮށްލެވޭ މިންވަރަކަށް ކުރިއަރާނެ ކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.


މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް 38 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އިގުތިސާދާ ބެހޭ ގޮތުން ވާހަކަ ދައްކަަވަމުން ނަަސީރު ވިދާޅުވީ އިގުތިސާދީ ދުވެލި އިތުރުވާނެ ކަމަށް ލަފާ ކުރެވެނީ ރާއްޖޭގެ ބައެއް ސިނާއަތްތަކަށް އަންނަމުންދާ ކުރިއެރުމުގެ ސަބަބުން ކަމަށެވެ.

"މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް އަންނަމުންދާ ކުރިއެރުމާއި އެއާ އެކު ފަތުރުވެރިކަމާ ގުޅޭ އެހެނިހެން ދާއިރާތައް ކަމަށްވާ ދަތުރުފަތުރު މުވާސަލާތީ ހިދުމަތް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާތަކަށާއި އިމާރާތްކުރުމުގެ ދާއިރާ އަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް ލަފާކުރެވޭތީ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭ އަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ގަވަރުނަރު ނަސީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައީ ނަސީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ އިގުތިސާދަށް އައި މަޑުޖެހުމެއްގެ ސަބަބުންނެވެ. ދުނިޔޭގެ އިގުތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާލުރީ އެމެރިކާ އާއި ޗައިނާއާ ދެމެދު ހިނގި "ޓްރޭޑް ވޯ" އާއި ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކިވުމުގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މި އަަހަރު ދަށަށް ދާނެ ކަމަށް ލަފާކުރެވޭތީ ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރު ހުންނާނީ ޖުމްލަ ގޮތެއްގައި 0.5 ޕަސެންޓްގައި ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"އަދި ސަރުކާރުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު ބަޖެޓް ޑެފިސިޓް 2019 ގައި ވެސް އުފެއްދުންތެރިކަމުގެ ފަހެއް އިންސައްތައިގައި ހިފެހެއްޓިގެންދާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްފައި 712 މިލިޔަން ޑޮލަރު ހުރި ކަމަށާއި އެއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 21 ޕަސެންޓްގެ އިތުރުވުމެއް ކަމަށެވެ.

ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރަން އެމްއެމްއޭއިން ކޮށްފައިވާ ބައެއް މަސައްކަތްތައް ނަސީރު ރޭ ފާހަގަ ކުރެއްވި އެވެ. އެގޮތުން 2018 ވަނަ އަހަރު ވެސް އެމްއެމްއޭ އިން މާލީ ދާއިރާ ސުޕަވައިޒްކުރުމަށާއި މޮނިޓާކުރުމަށް މަސައްކަތްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލީ ދާއިރާގެ ހާލަތު 2018 ވަނަ އަހަރު އޮތީ ވަރުގަދަކޮށް،" އޭނާ ވިދާޅުވި އެވެ.