ރާއްޖޭގެ މުއްސަނދިކަން ހިފަހައްޓައިދޭނެ ކަމަށް އުއްމީދުކުރަން: މައުމޫން

ރާއްޖޭގެ މުއްސަނދިކަން ރާއްޖޭގައި ހިފެހެއްޓުމަށް ކަމާ ބެހޭ އިދާރާތަކުން އިތުރު ގޮތްތަކެއް ހޯދާނެ ކަމަށް އުއްމީދުކުރައްވާ ކަަމަށް އެމްއެމްއޭގެ ފުރަތަމަ ގަވަރުނަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.


އެމްއެމްއޭ އަށް 38 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮންނަނީ ވަރަށް މަދު ވަސީލަތްތަކެއްގެ މައްޗަށް ކަމަށް ވާތީ އެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެ ވަސީލަތްތަކުގެ ފައިދާ ރައްޔިތުންނަށް ލިބޭ ގޮތަކަށް ކަންތައްތައް ރާވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބޭ އާމްދަނީގެ ފައިދާ އެންމެ ބޮޑަށް ލިބޭ ބަޔަކީ ވެސް ހަމަ ދިވެހި ރައްޔިތުން ކަމަށް ވާން ވާނެ. މިކަންކަމުގައި ކަމާ ބެހޭ ފަރާތްތަކުން މިހާރަށް ވުރެ ބޮޑަށް ވިސްނާވަޑައިގެން ގައުމީ ފުދުންތެރިކަން އިތުރުކުރެވޭނެ ސިޔާސަތުތަކެއް ރާއްވަވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން. އަދި ރާއްޖޭން އުފައްދާ މުއްސަނދިކަން ރާއްޖޭގައި ހިފެެހެއްޓޭނެ ގޮތެއް ހޯދަން އިތުރު މަގުތަކެއް ކޮށްޓަަވައިދެއްވާނެ ކަމަށް ވެސް އުއްމީދުކުރަން،" މައުމޫނު ވިދާޅުވި އެވެ.

އެމްއެމްއޭ އަށް 38 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭ އަށް ގިނަދުވަސްތަކެއް ހިދުމަތް ކުރެއްވި މުވައްޒަފަކަށް ކުރީގެ ރައީސް މައުމޫން ހަނދާނީ ފިލާ ދެއްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

އެމްއެމްއޭ އުފެދުނު ގޮތުގެ ވާހަކަ ވަރަށް ތަފުސީލުކޮށް ދެއްކެވުމަށް ފަހު އެ ބޭންކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް މައުމޫނު ތައުރީފު ކުރެއްވި އެވެ. އެގޮތުން އެ ބޭންކްގެ މަސައްކަތުން ދިވެހި ފައިސާގެ އަގު ހިފެހެއްޓިފައިވާ މިންވަރަކީ ދުނިޔޭގެ ގައުމުތަކުން ރާއްޖެ އަށް ތައުރީފުކުރާ ކަމެއް ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގެ އިގުތިސާދާ މެދު ބޭރު ގައުމުތަކުގެ އިތުބާރު ވެސް އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރައްޔިތުންގެ ހިތްތަކުގައި މި އެމްއެމްއޭ ހޯދާފައި ވަނީ ވަރަށް މަތީ މަގާމެއް. ވަރުގަދަ އިތުބާރެއް،" މައުމޫނު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ބޭފުޅުން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްއެމްއޭ އަށް އެވަރުގެ އިތުބާރެއް ލިބުނީ ފާއިތުވި 38 އަހަރު ރާއްޖޭގެ ވެރިކަމުގެ ސިޔާސަތު ތަފާތު ގޮތްގޮތަށް ބަދަލުވަމުން ދިޔައިރު ވެސް އެމްއެމްއޭގެ މަސައްކަތްތައް ގާނޫނާ އެއްގޮތަށް ކަމާއި އެ ބޭންކް އުފެއްދި މަގުސަދާ އެއްގޮތަށް ކަން ރައްޔިތުން ބަލައިގަންނާތީ އެވެ.

އެމްއެމްއޭ އަށް އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރި މުވައްޒަފުންނަށް ރޭގެ ރަސްމިއްޔާތުގައި އެވޯޑެއް ދިނެވެ. އެގޮތުން އެ ބޭންކްގައި 30 އަހަރަށް ވުރެ ދިގު މުއްތަކަށް މަސައްކަތް ކުރެއްވި 11 ބޭފުޅަކާއި 20 އަހަރަށް ވުރެ ދިގު މުއްތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް އެވޯޑް ދިނެވެ. އެ އެވޯޑްތައް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާންގެ ހައިސިއްޔަތުން ރައީސް މައުމޫނެވެ.