ކޮރަޕްޝަނަށް މަގުފަހި ކުރަން އޭސީސީގެ ރައީސް ލުތުފީ އަށް ދިނީ ފްލެޓެއް: ޒިޔާދު

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތަކަށް މަގު ފަހިކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް ދެއްވީ ހަ ލައްކަ ރުފިޔާގެ ފްލެޓެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) މިއަދު ވިދާޅުވެއްޖެ އެވެ.


މި ސަރުކާރުން ހެދި އެއްބަސްވުންތައް "އެފުށް މިފުށަށް" ޖައްސަވާނެ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެން މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ޒިޔާދު ވަނީ ޔާމީން ވެރިކަމުގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުން މިސާލު ނަންގަވައިފަ އެވެ. އެ ގޮތުން 143 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.

ޒިޔާދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އަޅަން ބޮޑު ހަރަދެއް ކުރި އިރު، އޭނާ ދިރިއުޅުއްވާ ހުޅުމާލޭގައި 30،000 އަކަ ފޫޓާއި 10،000 އަކަފޫޓުގެ ދެ އިމާރާތް އަށް ބުރިއަށް ހުރިހާ ވަސީލަތްތަކާ އެކުގައި 110 މިލިއަން ޑޮލަރަށް އަޅާފައިވާ ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް 100 އަށް ވުރެ ގިނަ މިލިއަން ޑޮލަރު ހޭދަ ކުރީ "ފްރޭމަށް" އެކަނި ކަމަށް ވެސް ޒިޔާދު ތުހުމަތު ކުރެއްވި އެވެ.

"މި މައްސަލަ އެންޓި ކޮރަޕްޝަނަށް ހުށަހެޅީމަ، އެވީ، އެންމެ ފުރަތަމަ ނައިފަރު ދާއިރާގެ މެމްބަރު (އަހުމަދު ޝިޔާމް) ވިދާޅުވާ ހެން، ތަރައްގީ އަށް އެޅި ހުރަހެއް ގޮތަށް. ފުރަތަމަ އިމާރާތް އަޅަން ކުރި ކަމަކީ ބިޑް ކުރާ އުސޫލާ ހިލާފަށް އެއަށް ވެސް ބަދަލު ގެނައީ،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަންގެ ކުރީގެ ރައީސް ލުތުފީ އަށް ދެއްވީ ހަ ލައްކަ ރުފިޔާގެ ފްލެޓެކެވެ. މިއަދު އާދައިގެ ރައްޔިތަކު ދިރިއުޅޭ ފްލެޓެއްގެ ކުލި ދައްކާ ނިމޭ އިރު، 2.2 މިލިއަން ރުފިޔާ އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރަށް ކޮރަޕްޝަނާ ފަސާދައާ ގުޅޭ ގޮތުން ވަކިން އެބޭފުޅާ (ޔާމީން) އަށް ވުރެ ބޮޑަކަށް ވާހަކަ ދެއްކެވޭނެ ބޭފުޅެއް ހުންނާނެ ހެން ހިއެއް ނުވޭ،" ޒިޔާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދާޅުވީ އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމުގެ ގޮތުން ބޭއްވި އެއްވުމެއް ކަމަށް ހީކުރެވުނަސް، އެ އެއްވުން ސިފަވީ "ފޭރޭ" މީހުންގެ ފޯރަމެއްގެ ގޮތުގައި ކަމަށެވެ.

ލުތުފީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައި އެކަން ތަޅުމަށް ފޮނުވާ ގޮތަށް ހަމަޖައްސާފައި ވަނިކޮށް، ލުތުފީ ވަނީ މަގާމުން އިސްތިއުފާ ދެއްވައި ސިޓީ ހުށަހަޅުއްވައިފަ އެވެ. އެކަމަކު ލުތުފީ އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގައި ދެން އެކަން ކުރިއަކަށް ނުގެންދާނެ އެވެ.

ނުފޫޒެއްގެ ދަށުވެ މަގާމުގެ ޒިންމާ އަދާކުރެއްވި ގޮތުން ގިނަ ބައެއްގެ އިތުބާރު ގެއްލިފައިވާ ލުތުފީ ވަކިކުރަން ކޮމިޓީން ނިންމީ އޭސީސީ އަށް ފިއްލަވައިގެން ހުންނަވައި މުސާރަ ނަންގަވަމުންދާ މައްސަލައިގަ އެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރަސްމީ ޗުއްޓީ ނެންގެވި ގޮތަށް ލުތުފީ އޭސީސީއާ ދުރުގައި ހުންނެވި އިރު އޭނާ އަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.