މިއުޅެނީ ވަކި ބަޔަކަށް ފަނޑިޔާރުކަން ދޭކަށް ނޫން: އާޒިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ވަކި ބަޔަކަށް ފަނޑިޔާރުކަން ދޭން ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތުން ހަތް ފަނޑިޔާރުންނަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ބިލް ހުށަހެޅުއްވީ ވެސް އާޒިމެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ފަސް ފަނޑިޔާރުންނެވެ.

އާޒިމް އެގޮތަށް ހުށަހެޅި ސަބަބެއްގެ ގޮތުގައި އެ ބިލުގައި ވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް ބަދަލު ކުރުމަށެވެ.

ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވައި އާޒިމް ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ރާއްޖޭގެ ފަނޑިޔާރުގެތައް ރަނގަޅުކޮށް، އިންސާފުވެރި ފަނޑިޔާރުގެތަކެއް ރައްޔިތުންނަށް ހޯދައި ދިނުން ކަމަށެވެ. މި ބިލުން ފަނޑިޔާރުން ފަސޭހަ އިން ބަދަލު ކުރުމުގެ ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

"އަޅުގަނޑު ޔަގީންކޮށް މި ދެނީ މިހާރު ތިއްބެވި ފަސް ފަނޑިޔާރުން މި ގެންނަ ބަދަލަކުން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ބަހުސްގައި ވާހަކަ ދެއްކެވީ ހަތް މެމްބަރުންނެވެ. އެކަމަކު، އާޒިމްގެ ބިލަށް 18 މެމްބަރުން ވާހަކަ ދެއްކެވުމަކީ މަޖިލިސް ތަފާތުވުމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ފަނޑިޔާރުންގެ ބެންޗް ކުޑަ ކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން 2014 ގައި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރި އެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަނީ---. ފޮޓޯ: ހުސައިން ވަހީދު/މިހާރު

ބިލަށް ބަހުސް ކުރެއްވި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ ގާނޫނެއްގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ބަދަލު ނުކުރެވޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ. އަދި ގާނޫނުގައި އެގޮތަށް ފުރުސަތު ލިބިފައި އޮތަސް، ފަނޑިޔާރުން ވަކިކުރުމުގެ އިޖުރާއަތުތަކެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އަލީ ނިޔާޒް ވިދާޅުވި އެވެ.

"ގައުމު އެފުށް މިފުށަށް ޖެހުމަށްޓަކައި ރައީސް ޔާމީން ކުރެއްވި އެއް ކަމަކީ ފަނޑިޔާރުގެ ބަދަލު ކުރުން. ފަނޑިޔާރުގޭގައި ތިބި އެމަނިކުފާނު ނުރުހޭ ގޮތަށް ރައުޔު ނެރޭ ބޭފުޅުން އެއް ފަރާތް ކުރުން،" ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒާއި މުއުތަސިމަށް އިޝާރާތް ކުރައްވައި ނިޔާޒް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބެވި އިރު، ފެނިވަޑައިގަތީ ތިން ބޭފުޅަކު އެއްގޮތަކަށް ރައުޔު ނެރުއްވާ އިރު، އަނެއް ދެ ބޭފުޅުންގެ ރައުޔު ތަފާތުވާ މަންޒަރު ކަމަށެވެ. އެގޮތުން މުއުތަސިމްގެ ރައުޔު ހުންނަވަނީ ތިނެއް ނޫނީ ހަތަރު ފަނޑިޔާރުންނާ ތަފާތުކޮށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެކަމަކު، ޔާމީން ދެކެވަޑައިގަތީ އެއީ އެމަނިކުފާނަށް އޮތް ނުރައްކަލެއް ކަމަށް،" ނިޔާޒް ވިދާޅުވި އެވެ.