މާލޭގައި 15 އަހަރުގެ ކުއްޖަކު ރޭޕްކޮށްފިި

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު މާލޭގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.


ފުލުސް އޮފީހުން މިއަދު ބުނީ އެ ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި އުމުރުން 17 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ 22 އަހަރުގެ މީހާގެ ތަހުގީގަށް 10 ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައި ކަމަށެވެ. އަދި 17 އަހަރުގެ ކުއްޖާގެ ތަހުގީގަށް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، އަންހެން ކުއްޖާ ރޭޕްކުރީ 22 އަހަރުގެ ފިރިހެންމީހާގެ ގޭގަ އެވެ. އަންހެންކުއްޖާ އެ ގެ އަށް ދިޔައީ 17 އަހަރުގެ ކުއްޖާއާ އެކުގަ އެވެ. މި ކަމުގައި އެ ދެ މީހުން ވެސް އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތު ކުރެ އެވެ.

ފަހަކަށް އައިސް މާލެ އާއި އެހެން ބައެއް ރަށްރަށުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހުގެ ތެރޭގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ވިހާފައިވާއިރު، އެ ކުއްޖާގެ ބައްޕަކަމަށް ބެލެވެނީ ވެސް ކުޑަކުއްޖެކެވެ.